ޤުރްއާނުގެ ތަޖުވީދު އުނގަންނައިދިނުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ޚާއްޞަ ޕްރޮގްރާމެއް ފަށަން ހަމަޖައްސައިފި ކަމަށާއި " ތިލާވަތުލް ޤުރްއާން"ގެ ނަމުގައި ކުރިއަށްދާ މި ޕްރޮގްރާމަކީ ޖަމްޢިއްޔަތުއްސަލަފުގެ ޔޫޓިއުބް ޗެނެލްގައި ލައިވްކޮށް ކުރިއަށްދާ ޕްރޮގްރާމެއް ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ކޮންމެ ދުވަހަކުވެސް މެންދުރުފަހު 2 އިން 2:30 އަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާނީ އަލްޤާރީ މުޙައްމަދު ތައުފީޤު އެވެ.
މި ޕްރޮގްރާމްއާއިގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ޢަލީ ރަމީޒު ވިދާޅުވެފައިވަނީ މިއީ ކުޑަކުދިންނަށް އަމާޒުކޮށްގެން ގެނެސްދޭ ޕްރޮގްރާމެއްކަމަށާއި ނަމަވެސް ތަޖުވީދު އުނގެނެމުންގެންދާ އެންމެހައި ފަރާތްތަކަށް މި ޕްރޮގްރާމުން ވަރަށްބޮޑަށް މަންފާކުރާނެކަމަށެވެ.
"މިދުވަސްވަރު މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ބަލިމަޑުކަމުގެ ކާރިސާގެ ސަބަބުން ހުރިހާ ކުދިން ތިބެން މިޖެހެނީ ގޭގަ. ކިޔެވުންވެސް މިވަނީ ބަންދުވެފަ. އެހެންކަމުން ވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށް މިއީ ވަރަށް ރަނގަޅު ޕްރޮގްރާމަކަށްވާނެ އިންޝާﷲ. އަޅުގަނޑުމެންގެ ޔޫޓިއުބް ޗެނެލުން ތަޖުވީދާ ބެހޭ ފިލާވަޅުތަކެއް ކޮންމެދުވަހަކު ގެނެސްދިނުމުން އޭގެ ފައިދާ ޚާއްޞަކޮށް ކުޑަކުދިންނަށް ވަރަށްބޮޑަށް ކުރާނެ. ދެން މި ޕްރޮގްރާމު އަޅުގަނޑުމެން އަމާޒުކޮށްފައިވާނީވެސް ކުޑަކުދިންނަށް. އެހެންނަމަވެސް ތަޖުވީދަށް ޤުރްއާން ކިޔެވުމަށް މަސައްކަތްކުރަމުންދާ އެންމެހައި ފަރާތްތަކަށް މި ޕްރޮގްރާމުން ވަރަށްބޮޑަށް މަންފާއެއް ކުރާނެ އިންޝާﷲ“ ޕްރޮގްރާމް ކޯޑިނޭޓަރ އަދި ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވެފައިވެއެވެ.
ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދީއްތަ ދުވަހު އެވެ.
މިވަގުތު ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމުގެ ސަބަބުން މުޅި ރާއްޖޭގެ ހުރިހާ ސްކޫލު މަދަރުސާތަކާއި އަދި ހުރިހާ ޤުރްއާން ކްލާސްތަކެއްވެސް ބަންދުކޮށްފައިވާއިއރު މި ޕްރޮގްރާމް ގިނަ ފަރާތްތަކަކުން ބައްލަވައި ފައިދާ ލިބިގަތުމަކީ ޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެއް ކަމަސްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.