މިސަރުކާރުގެ އަމާޒަކީ، މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ހިޔާވަހިކަން ލިބޭ ކޮންމެ ދަރިވަރަކީ، އިސްލާމް ދީނަށް ލޯބިކުރާ އަޚްލާޤު ރަނގަޅު، ޤައުމަށް ވަފާތެރި ދަރިވަރަކަށް ހެދުން ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ޢިއްޒުއްދީން ސްކޫލް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސްކޫލް މަރުޙަލާ ނިންމާއިރު، ކޮންމެ ދަރިވަރަކުމެ ހުންނާނީ، ޙަޔާތުގެ ގޮންޖެހުންތަކާއި ކުރިމަތިލެވޭ ވަރަށް، އަމިއްލަ ނަފްސަށް އިތުބާރު ލިބި، ތަރައްޤީ ހޯދުމަށްޓަކައި، އަމިއްލަ ފައިމައްޗަށް ތެދުވަން ތައްޔާރުވެފައި ކަމަށެވެ.
ރައީސްގެ ބަސްފުޅާއިއެކު އިސްލާމް ދީނާއި ދަރިވަރުން ދުރަށް ޖައްސަން މަގުފަހިވާގޮތަށް ޤައުމީ މަންހަޖަށް ގެންނަން އުޅޭ ބަދަލުތައް ނުގެނެސް ހުއްޓައިލާނެ ކަމަށް އުންމީދުކުރެވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުންނަވާ ތައުލީމީ ވަޒީރަށާއި އެޑިޔުކޭޝަން މިނިސްޓްރީގައި ހުންނަވާ ތައުލީމީ ވަޒީރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވާ ގޮތް އިތުރަށް ސާފުވެވަޑައިގަންނަވާނެ ކަމަށްވެސް އުންމީދުކުރެވެއެވެ.
— The President's Office (@presidencymv) January 12, 2020