އެންމެ މުހިންމު މަސައްކަތަކީ އިންވެސްޓްމަންޓްތަކަށް ޤާނޫނީ ޙިމާޔަތް ހޯދައިދިނުން: ޜައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 32ސ
އެންމެ މުހިންމު މަސައްކަތަކީ އިންވެސްޓްމަންޓްތަކަށް ޤާނޫނީ ޙިމާޔަތް ހޯދައިދިނުން: ޜައީސް ޞާލިޙް

މިއަދުގެ ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތަކީ، ވިޔަފާރިވެރިންނަށް ފުރުޞަތުތައް ހުޅުވާލައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރާއްޖޭގައި މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދައިދިނުމާއި ބިރުވެރިކަމެއްނެތި، ޔަގީންކަމާއެކީގައި އިންވެސްޓްމަންޓްތައް ރައްކާތެރިކުރެވޭނެ ގޮތްތައް ޤާނޫނީގޮތުން ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

 

ނ. ކެނދިކުޅުދޫގައި މުޙަމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) ޢިމާރާތް ކޮށްދެއްވި  މިސްކިތް "މަސްޖިދުއްރަޙްމަތު" ހުޅުއްވައިދެއްވުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުން އެފިޔަވަޅުތައް އެޅުމުގެ ނަތީޖާ މިހާރުވެސް ފެންނަމުން އަންނަ ކަމަށެވެ.

 

"އޭގެ ނަތީޖާ އަޅުގަނޑު ހިތުން މިއަދުވެސް ފެންނަމުން މިދަނީ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ ވިޔަފާރިވެރިންނަށް ޚާއްޞަކޮށް، ދަތިވެފައި، އުދަނގޫވެފައި ހުރި ކަންތައްތައް ފަސޭހަކޮށް ދިނުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް އަޅުގަނޑުމެން ގެންނާނަން."

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

 

ރާއްޖޭގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުގެ ޕްލޭނެއް އެބައޮތް. އަޅުގަނޑުމެންގެ ޕްލޭނަކީ، ވަކި ރަށެއް ތަފާތުކުރުމެއްނެތި، ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން. އެގޮތުން މިރަށަށް ބޭނުންވެފައި ހުރި ކަންތައްތަކެއްވެސް އެބަހުރި. މިހާރުން މިހާރަށް ޙައްލު ކުރަންޖެހޭ ކަންތައްތަކެއްވެސް އެބަހުރި. އެއްކަމަކީ، ޞިއްޙީ ދާއިރާ ތަރައްޤީކުރުން. މިރަށުގެ ޞިއްޙީ ޚިދުމަތަކީ، ބޮޑު ބަދަލުތަކެއް ގެންނަން ޖެހިފައި އޮތް ކަމެއް. މި ހިނގާ ވިހިވިހީގެ ބަޖެޓްގައި އަޅުގަނޑުމެން ވާނެ މިރަށުގެ ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި ބަޖެޓް ކުރެވިފައި. އެގޮތުން، އިރާދަކުރެއްވިއްޔާ، މިއަހަރު ތެރޭގައި މިރަށުގެ ޞިއްޙީ މަރުކަޒު ހަމަ ރަނގަޅު ޚިދުމަތް ލިބޭ، ހޮސްޕިޓަލް ފެންވަރުގެ ތަނަކަށް އަޅުގަނޑުމެން ތަން ބަދަލުކުރާނަން.

 

އަޅުގަނޑަށް މިރަށަށް މީގެކުރިން އާދެވުނު ކޮންމެ ފަހަރަކުވެސް ދައްކަމުންދިޔަ އެއް ވާހަކައެއް، މި ބޮޑު މަގުގައި ރަނގަޅު ފެންވަރަކަށް ހަދައިދިނުމުގެ ވާހަކަ. އެހެންނަމަވެސް، އޭގެކުރިން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. ފެނާއި ނަރުދަމާގެ ނިޒާމު މިރަށުގައި ޤާއިމުކުރަން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ، 2019 ވަނަ އަހަރުގެ ކުރީކޮޅުގައި މިފަދަ މަސައްކަތްތައް ފަށައިގެންއިރުގައި މިރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން ވާނީ ކޮންޓްރެކްޓަރަކާ އެ މަސައްކަތް ހަވާލުކޮށްފައި. ނަމަވެސް، ބައެއް ދަތިތަކާ ހުރެ އެކަން ލަސްވެފައި މިހާ ހިސާބަށް މިއޮތީ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، އެ މަސައްކަތްތައް މިހާރު އަވަސްވެ، ހަލުވި ސްޕީޑެއްގައި ކުރިއަށް އެބަދޭ.

 

އަޅުގަނޑު ތިޔަބޭފުޅުންނަށް މިއަދު ޔަގީންކޮށް އަރުވަން ބޭނުންވަނީ، ފެނާއި ނަރުދަމާގެ ނިޒާމު ނިމުމާއެކީގައި މިރަށުގައި ތިޔަބޭފުޅުން ތިޔަ ބޭނުންވާ މަގު ރަނގަޅަށް ހެދުމުގެ މަސައްކަތް އިރާދާކުރެއްވިއްޔާ، އަޅުގަނޑުމެން ކޮށްދޭނެ ވާހަކަ. އަދި މީގެ އިތުރުންވެސް މިރަށުގައި ސްލިޕްވޭއެއް ހެދުމާއި، މިރަށުގައި ޖޫނިއަރ ކޮލެޖް ޤާއިމުކުރުމުގެ މަސައްކަތް މި ހިނގާ 2020 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައި އެބައޮތް. އިރާދަކުރެއްވިއްޔާ،މި މަސައްކަތްތައް މި އަހަރު ތެރޭގައ ކުރެވިގެންދާ ތަން ތިޔަބޭފުޅުންނަށް ފެނިގެންދާނެ.

 

ނިންމާލުމުގެ ކުރިން، އަޅުގަނޑު ތިޔަބޭފުޅުންނަށް މި ފުރުޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއާއި ދެއްވާ މެހްމާންދާރީއަށްޓަކައި ވަރަށްބޮޑަށް އިޚްލާޞްތެރިކަމާއެކުގައި ޝުކުރު އަދާކުރަން. އަޅުގަނޑު ހަމަ މިރަށާ ދޭތެރޭގައި ހަމަ ވަރަށް ގާތް ގުޅުމެއް ކުރިއަށް އޮތް ތަނުގައިވެސް ބާއްވަމުން ގެންދާނެ ވާހަކަ ދަންނަވަމުން އަޅުގަނޑުގެ ވާހަކަ ނިންމާލަން.

ވަރަށްބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު އޮންލައިން