ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ކަމަށްވެވަޑައިގަންނަވާ "މިޔުމަން ޓޫރިސްޓް އެޖެންސީ"ގެ އެއް ހިއްޞާދާރު، މިހާރު މަޝްހޫރު ޔުނިވަރސަލް ގްރޫޕުގެ ޗެއާމަން މުޙައްމަދު ޢުމަރު މަނިކު (އެމް.ޔޫ މަނިކު)އަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑަށް ތަޢްރީފް ކުރައްވައިފިއެވެ.
ނ. ކެނދިކުޅުދޫގައި އެމްޔޫ މަނިކު ޢިމާރާތް ކޮށްދެއްވި މިސްކިތް "މަސްޖިދުއްރަޙްމަތު" ހުޅުއްވައިދެއްވުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެރަށުގައި އެމްޔޫ މަނިކު މިސްކިތް އަޅުއްވައި ދެއްވި ސަބަބު ވިދާޅުވެދެއްވައިފައެވެ.
"މީގެ އަހަރެއްހާ ދުވަސް ކުރިން، އަޅުގަނޑަށް މުޙައްމަދު ޢުމަރު މަނިކުގެ ފަރާތުން ލިބުނު ޚަބަރެއް، މެސެޖެއް މިސްކިތެއް ތިމަންނާ އަޅަން ބޭނުންވެއޭ. އަޅަން ބޭނުންވަނީ ކޮންތަނެއްގައިކަން ނިންމައިދޭށޭ. އަޅުގަނޑުމެން ބޭނުން ތަނެއްގައި މިސްކިތް އަޅައިދޭނަމޭ. އެއާއެކުގައި އަޅުގަނޑު ދެންނެވިން، އަޅުގަނޑަށް ފެންނަނީ ކެނދިކުޅުދޫގައި މި މިސްކިތް އަޅައިދޭށޭ".
ރައީސް އިބްރާހީމް މުޙަމަދު ޞާލިޙް ވިދާޅުވީ މި މިސްކިތަކީ އެމްޔޫ މަނިކު ދެއްވި ޚާއްޞަ ހަދިޔާއެއް ކަމަށެވެ. އަދި އެހަދިޔާއަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
" އެންމެ ފުރަތަމަ ކަމަކަށްވެސް، އަޅުގަނޑު މި ފުރުޞަތުގައި ދަންނަވާލަން ބޭނުންވަނީ، މިފަދަ ބޮޑު ހަދިޔާއެއް، އެހީތެރިކަމެއް މިރަށަށް ދެއްވީތީ، މުޙައްމަދު ޢުމަރު މަނިކަށް ރަށުގެ ރައްޔިތުންގެ ނަމުގައާއި، ސަރުކާރުގެ ނަމުގައި އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވާ ވާހަކަ."
އެއަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މުޙައްމަދު ޢުމަރު މަނިކު ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްދެއްވި ޚިދުމަތްތަކަށް ބައްލަވައިލައްވައިފައެވެ.
" އާދެ، މުޙައްމަދު ޢުމަރު މަނިކަކީ، ވަރަށްގިނަ ގޮތްގޮތުން ރާއްޖެއަށް، ސަރުކާރަށް، ދައުލަތަށް ޚިދުމަތް ކުރައްވާ ބޭފުޅެއް. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއްބަޔަކީ ޓޫރިޒަމް ޞިނާޢަތް. އެ ފެށިގެން އައިސް މި ހިސާބަށް ތަރައްޤީވެގެން އައި އައުމުގައި މުޙައްމަދު ޢުމަރު މަނިކުގެ ދައުރަކީ، އެއްވެސް ބޭފުޅަކަށް ހަނދާން ނައްތާލެވޭނެ ދައުރެއް ނޫން. އެންމެ އާދައިގެ ހިސާބުން ފެށިގެން މިއަދު މުޅި ދުނިޔެ ގަބޫލުކުރާވަރުގެ ޓޫރިޒަމް އިންޑަސްޓްރީއެއް މި ރާއްޖޭގައި އުފެދިގެން އައީ، ތަރައްޤީވެގެން އައިސްފައި މިއޮތީ މުޙައްމަދު ޢުމަރު މަނިކުގެ ވަރަށްބޮޑު ހިއްސާއެއް އޭގައި އޮވެގެން.
މިއީ މި ރާއްޖެ މިއަދު މި ދެކޭ ތަރައްޤީގެ ވަރަށް މުހިންމު އެއްބައި. އެހެންކަމުން، މިކަމަށްޓަކައިވެސް އަޅުގަނޑު މި ފުރުޞަތުގައި މުޙައްމަދު ޢުމަރު މަނިކަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މުޙައްމަދު ޢުމަރު މަނިކު ޤައުމަށް ކޮށްދެއްވަމުން އިޖުތިމާޢީ ޚިދުމަތްތަކަށްވެސް ބައްލަވައިލައްވައިފައެވެ.
" އާދެ، އެ މަނިކުފާނަކީ ތަޢުލީމީ ދާއިރާގައިވެސް، މީހުން ބިނާކުރުމުގައިވެސް، ޞިއްޙީ ދާއިރާގައިވެސް ވަރަށް ގިނަ ޚިދުމަތްތަކެއް، އެހީތަކެއް ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. އަދި މިރަށަކަށް އެކަންޏެއް ނޫން، މި އަތޮޅަކަށް ނޫން، މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަދި ސަރުކާރަށްވެސް އޭރެއްގައި ދިމާވެފައިވާ ބޮޑެތި ކަންތައްތަކުގައި ވަރަށް ދީލަތި އެހީތަކެއް ފޯރުކުރަމުންގެންދޭ."
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އާއި ދައުލަތުގެ އެހެން ބައެއް ވަޒީރުންނާއި ކެނދިކުޅުދޫ ދާއރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަޙްމަދު ޢީސާ އާއި އަތޮޅު ކައުންސިލަރުން، ރަށު ކައުންސިލަރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.