މާފުށީ ބަނދަރުގައި އަޅައިގެން ތިބެ ބަނގުރާ ވިއްކަމުން ގެންދާ ސަފާރީތައް މާފުށީ ސަރަހައްދުން ދުރަށް ގެންދަން އަމުރުކުރީ އެކަމަށް ރަށުގެ ރައްޔިތުން އެދޭތީ ކަމަށާއި އެކަމަށް ރައްޔިތުން އެދެނީ އެއީ ފްލޯޓިންގ ބާރތަކަކަށް ވެފައި އެކަމުގެ ސަބަބުން އިޖުތިމާޢީ މައްސަލަތައް ކުރިމަތިވާތީ ކަމަށް މާފުށީ ކައުންސިލުގެ ރައީސް ޢުޘްމާން ރަޝީދު ވިދާޅުވެއްޖެއެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ސަފާރީތައް ނަގައި މާފުށީ ސަރަހައްދުން ދުރަށް ގެންދަން ރަށު ކައުންސިލުން އަމުރުކޮށްފައިވާތީ މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޢުޘްމާން ވިދާޅުވީ މިއީ މާކުރަންވެސް ކުރަން ޖެހިފައި އޮތް ކަމެއް ކަމަށާއި ނުކުރެވި އޮތީ ޤާނޫނުން ބާރު ނުލިބޭތީ ކަމަށެވެ.
"އިރުއިރުކޮޅުން ޑިންގީއެއް ފޮނުވައިގެން އެބަ މީހުން ގެންދޭ. ބަނދަރާ ދަތުރުފަތުރުކުރުމުގެ ފަސޭހަކަމުން މާލެއިންވެސް މިރަށަށް ގިނަ ބައަކު އާދޭ. މިކަންކަމުގެ ތެރެއިން ރަށުގެ ރައްޔިތުން ބޭނުންވާ އެތައް ކަމެއް އެބަ ހިނގާ. ރަށުގެ ތަންތަނުން ބަނގުރާފުޅިތައް ފެންނަން ފަށައިފި. އެކަންކަމުގެ ނޭދެވޭ އަސަރު ކުދިންނަށް ކުރޭ. މައިންބަފައިންނަށް ތިބެން ޖެހެނީ އިންތިހާއަށް ކަންބޮޑުވެފަ."
ޢުޘްމާން ވިދާޅުވީ ލާމަރުކަޒީ އުޞޫލުން ވެރިކަން ހިންގުމަކީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ހިންގުން ކަމަށާއި މި ފިޔަވަޅަކީ އެގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. "ކޮންމެ ގެސްޓަކީ ބަނގުރާ ބޯން ބޭނުންވާ މީހެއް ނޫން. މިރަށަށް ފަތުރުވެރިން އަންނަނީ ވެސް މިރަށުން ބަނގުރާ ނުލިބޭނެކަން އެނގިތިބެ. ކޮންމެހެން ގެސްޓަކު އެކަން ކުރަން ވެއްޖެ ނަމަ ކައިރީގައި ރިޒޯޓެއްވެސް އެބަ އޮތް. އެހެންވީމާ ފްލޯޓިންގ ބާތައް ހަދައިގެން އެކަން ކުރުމަކީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން." ކަމަށް ވެސް ޢުޘްމާން ވިދާޅުވިއެވެ.
މާފުށްޓަކީ މިހާރު ރިޒޯޓެއް ފެންވަރަށް ގެސްޓް ހައުސް ވިޔަފާރި ތަރައްޤީކޮށް އެކަމުގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ރަށެވެ.