ރާއްޖޭގައި މަސައްކަތް ތެރިންނަށް ދެވޭނެ މިނިމަމް ވޭޖް (އެންމެ ކުޑަ މުސާރަ) ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށާއި އެ ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދެވޭނެ އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގެ މައްސަލައަކީ އެކަމަށް މަޝްވަރާ ކުރަމުން ގެންދާތާ 14 ވަރަކަށް އަހަރުވެފައިވާ މައްސަލައެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ބިލް ފާސްކުރެވިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.