ބައެއް މީހުން ޢާއިލީ ކަންކަމުގައި އިހްމާލްވެފައި އެހެން މީހުން ކުށްވެރިކުރެއެވެ. ގެއަށް އާދެވުން ލަސްވުން، ގެއަށް ގެންދަން ޖެހޭތަކެތި ނުގެންދެވުން، ޑޮކްޓަރަށް ދެއްކުން ފަދަ މުހިންމު ކަންކަމުގައި ގަޑިޖެހުމުން އެއީ މިވެނި ރައްޓެއްސެއްގެ މިވެނި ސަބަބަކުން މެދުވެރިވި ގޮތެއް ކަމަށް އެބަ ބުނެއެވެ.
އެއްގޮތަކަށްވެސް އެކަން އެގޮތަށް ނުކުރާށެވެ! ތިމާ އަދާކުރަން ޖެހޭ އެއްވެސް ޒިންމާއެއް އަދާނުކުރެވުމުން އެހެން މީހުންގެ ބޮލުގައި އެކަންކަން އަޅުވަން މަސައްކަތް ނުކުރާށެވެ! ތިމާގެ އަނބިދަރިންނާއި ޢާއިލާގެ ޒިންމާ އުފުލުމަކީ އެމީހަކު ޒިންމާދާރުކަމާއިއެކުގައި ކުރަންޖެހޭ ކަންކަމެވެ.
ބައެއް އަންހެނުން، ފިރިމީހާ ގެއަށް ދާއިރަށް ކުރަން ޖެހޭ ކަންކަން ނުކުރެވުމުން އެއީ މިވެނި މީހަކު ފޯނުކުރުމުން މާގިނައިރު ވާހަކަ ދައްކަން ޖެހުން، ނޫނީ މިވެނި ރައްޓެއްސަކު ގެއަށް އައިސް ގިނަ އިރު މަޑުކުރުމުން ފަދަ ބަހަނާތައް އެބަ ދައްކައެވެ. މިއީވެސް ބަލައި ގަނެވޭނެ ކަންކަމެއް ނޫނެވެ.
ވަގުތު ނެތްނަމަ ވަގުތު ނެތްކަމަށް ބުނެ އުޒުރުވެރިވާށެވެ. އެއީ ހެޔޮ އެދޭ މީހަކު ނަމަ އުޒުރު ޤަބޫލުކުރާނެއެވެ.
މިކަމުގައި އަހަރެންގެ އަނބިމީހާއަކީ ލާމަސީލު އަންހެނެކެވެ. އަަހރެން ގޭގައި އުޅޭވަގުތަކު ކިތަންމެ ގާތް މީހަކު ގުޅިނަމަވެސް، ޢާއިލާގެ މީހަކު ގުޅި ނަމަވެސް ވާހަކަވެސް ދައްކާނީ އަހަރެންގެ ހުއްދަ ލިބިގެންނެވެ. ނޫންނަމަ މިވަގުތު ވަރަށް "ބިޒީ" ކަމަށް ބުނެ ފޯނުކުރުކޮށްލާނެއެވެ. ގިނަ ފަހަރު ވަރަށް ތެދުބަހުން އެވަގުތު މިއުޅެނީ ފިރިމީހާގެ ޚިދުމަތުގައި ކަމަށް ބުނާނެއެވެ. އެކަމަށް އެއްވެސް މީހަކު ހިތްބަރެއްވެސް ނުކުރެއެވެ.
މިކަމުގައި ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްކޮޅެއް ބުނެލައިދޭނަމެވެ.
"އެމީހަކަށް ކުރިމަތިވާ ކަންކަމުގެ ޒިންމާ އެމީހަކު ނަގާށެވެ! އެއްވެސް މީހަކަށް މައްސަލައެއް ކުރިމަތިވުމުން އެހެން މީހަކު އެކަމެއްގެ އެއްވެސް ޒިންމާއެއް ނުނަގާނެއެވެ. އެމީހާގެ ސަބަބުން މެދުވެރިވި ކަމެއް ނަމަވެސް މެއެވެ. ވީމާ އެހެން މީހުން ކުށްވެރިކުރުވަން އުޅުން ދޫކޮށްލާށެވެ! އެކަމުން ކުރާނެ އެއްވެސް ފައިދާއެއްވެސް ނެތެވެ.
ކިތަންމެ ވަރަކަށް ޒިންމާ ކުރުވަން އުޅުނު ނަމަވެސް އެމީހުންނަކީ އެފަދަ އެއްވެސް ކަމެއްގެ ޒިންމާ ނަގާނެ ބައެއް ނޫނެވެ. ޒިންމާ ނަގާނެ މީހަކު މީހަކަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ.
ކަން އޮތީ މިފަދައިން ކަމަށްވާއިރު އެހެން މީހުން ކުށްވެރިކުރުވަން އުޅުމަކީ ވަރަށް ނުބައި ސިފައެކެވެ. އެއީ ތިމާ އަދާކުރަން ޖެހޭ ޒިންމާއިން ރެކެން އުޅުމެވެ. މައްސަލަތައް ޙައްލުކުރެވޭނީ އެމީހެއްގެ މައްސަލަތަކުގެ ޒިންމާ އެމީހަކު ނަގައިގެންނެވެ!"
ޢިމްމުވެރިޔާ ވިދާޅުވެފައިވާ ފަދައިން ތިމާ އުފުލަންޖެހޭ ޒިންމާއެއް ތިމާ ނުއުފުލައި އެހެން މީހުންގެ ބޮލުގައި އަޅުވާނަމަ އެކަމަށް ކިޔާނީ ޒިންމާއިން ރެކުމެވެ. ޒިންމާއިން ރެކެން އުޅޭނަމަ އަނެކާ އަންނަ ރުޅި މާގަދަވާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން