ވިލިމާލޭގައި މަސް މާރުކޭޓެއް އިމާރާތް ކުރާނެ ބަޔަކު ހޯދަން ފިޝަރީޒް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އެގޮތުން އެމިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ އެދުމުގެ މަތިން ވިލިމާލޭގައި މަސް މާރުކޭޓެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އެ މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ.
މީގެއިތުރުން މިމަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުޞޫލުގެ މަތިން ކަމަށާ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 33،000 ރުފިޔާ ހުށައަޅަން ޖެހޭއިރު، ބީލަން ހުޅުވުން އޮންނާނީ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކަމަށްވެސް ފިނޭސްގެ އިއުލާނުގައި ވަނީ ބުނެފައެވެ.