އޮސްޓްރޭލިއާގައި މިހާރު ފެތުރެމުންދާ އަލިފާންގަނޑު، ކޮންޓްރޯލްނުވެ ފެތުރެމުންދާތީ، އެކަމާބެހޭގޮތުން ދިރާސާކުރި ބައެއް ފަރާތްތަކަށް ޢަޖައިބުކަމެއް ފާހަގަކުރެވިއްޖެއެވެ.
ބާޙިޘުންނަށް ފާހަގަކުރެވުނީ އަލިފާން އިތުރު ތަންތަނަށް ފެތުރުމުގައި ދޫނީގެ ބާވަތެއް ވަރަށް އާދަޔާ ޚިލާފު ދައުރެއް އަދާކުރާތީއެވެ. އެގޮތުން އަލިފާން ރޯވެފައި ހުންނަ ހޯލިކޮޅު، ދަނޑިކޮޅު ފަދަ ތަކެތި ނަގައިގެން ގެންގޮސް އަލިފާން ރޯވެފައި ނެތް ހިކި ތަންތަނުގެ ތެރެއަށް އެތަކެތި ވައްޓާލާ އަލިފާން ރޯކުރުމުގައި އެ ބާޒު މަސައްކަތްކުރާތަން އެމީހުން ވަނީ ޑޮކިއުމަންޓް ކޮށްފައެވެ. އަދި އޮސްޓްރޭލިޔާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށްވެސް މިމަންޒަރު ފެނިފައިވާ ކަމަށް، ދިރާސާކުރި ދާރިސުން އެމީހުންގެ ދިރާސާގައި ލިޔެފައިވެއެވެ. އަދި މިއީ މިހާރު އިންކާރު ނުކުރެވޭނެ ޙަޤީޤަތެއް (ފެކްޓެއް) ކަމަށްވެސް ދިރާސާ ޝާއިޢުކުރި ޖަރނަލް އޮފް އެތްނޯބަޔޮލޮޖީ ގައި ބުނެފައި ވެއެވެ.
21 ވަނަ ޤަރުނުގައި ސައިންސުވެރިންނަށް މި ހޯދުނު ހޯދުމަކީ، މީގެ 14 ޤަރުނުކުރީން، އާދެ ހިޖުރައިން 7 ވަނަ ޤަރުނުގައި، އަހަރެމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅަކުން އަހަރެމެންނަށް އަންގަވާދެއްވާފައިވާ ބަޔާންކޮށްދެއްވާފައިވާ ޙަޤީޤަތެކެވެ.
އެ ބާވަތްތަކުގެ ޖަނަވާރުގެ ނުބައިކަން ހުރި މިންވަރަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެތަކެއްޗަށް ނަން ދެއްވާފައިވަނީ ފާސިޤު (ނުބައި ނުލަފާ) މިނަމުންނެވެ. އަދި ޙަރަމްގެ ތެރޭގައި (ދިރޭތަކެތި މެރުން މަނާ ޞަރަޙައްދެއް) މުޙްރިމަކު ކަމުގައިވެ ހުރެ )ޙައްޖަށް ނުވަތަ ޢުމުރާއަށް އިޙްރާމް ބަނދެގެން ހުރެ، އާދެ ދިރޭތަކެތި މެރުން މަނާ ޙާލަތެއްގައި ހުރެ) ވިޔަސް މިފަދަ އެއްޗެއް މެރުން ހުއްދަވާނޭ ކަމަށް އެކަލޭގެފާނު އިރުޝާދު ދެއްވިއެވެ.
ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. ((خَمْسٌ مِنَ الدَّوَابِّ كُلُّهُنَّ فَاسِقٌ يَقْتُلُهُنَّ فِي الْحَرَمِ الْغُرَابُ وَالْحِدَأَةُ وَالْعَقْرَبُ وَالْفَأْرَةُ وَالْكَلْبُ الْعَقُورُ)) متفق عليه މާނައީ: "ޖަނަވާރުންގެ ތެރެއިން ފަސްބާވަތެއްވެއެވެ. އެފަސްބާވަތަކީ (މީސްތަކުންނަށް) ގެއްލުންދީ ދުއްތުރާކުރާ ފަސްބާވަތެވެ. އެފަސްބާވަތް އިޙްރާމް ބަނދެގެން ހުންނަ ޙާލަތުގައާއި، ޙަރަމް ތެރޭގައި މަރާހުށިކަމެވެ. އެއީ ކާޅާއި، ޙިދައަތާއި، ނަގުލަންދާއްޓާއި، މީދަލާއި، ނުރައްކާތެރި ގެއްލުންދޭ ކުއްތާއެވެ."
ޙިދައަތަކީ ބާޒު ވައްތަރުގެ ދޫންޏެކެވެ. އިނގިރޭސިބަހުން އެއަށް ކިޔަނީ “ކައިޓް” އެވެ. އަދި އިމާމް މުސްލިމް ގެންނަވާފައިވާ ރިވާޔަތުގައި، މެރުން ހުއްދަ ޖަނަވާރުތަކުގެ ތެރޭގައި ހަރުފަ ގެންނަވާފައިވެއެވެ. އަދި ބުޚާރީއާއި މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގައި ހޯނު މެރުމަށް އައިސްފައިވެއެވެ.
މި ޙަދީޘްގައި މި ބަޔާންވެފައިވާ ބާވަތުގެ ބާޒު، އެއީ އެހާ ނުރައްކާތެރި އެއްޗެއްކަން އޭރު އެކަލޭގެފާނަށް އެނގިވަޑައިގަތީ ކިހިނަކުންތޯއެވެ؟
وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ- النساء 113
"އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ."
މިފަދަ ކަންތައްތަކުން އަހަރެމެން އީމާންވީ މީހުންގެ އީމާންކަން އިތުރުވެގެންދާއިރު، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާމެދު ޝައްކުއުފައްދާ، އެ ސުންނަތަށް އިންކާރުކޮށް ފުރައްސާރަ ކުރާ މީހުން ބުނާނީ ކީކޭބާއެވެ؟
--ޝައިޚް މުޙައްމަދު ޝާފިޢު
(الشيخ محمد شافع
#SheikhShafiuQA)
ބައްލަވާލައްވާ: