ރޭގަނޑުގެ ވަގުތުގައި ކީރިތި ޤުރްއާން ކިޔެވުމަކީ އެކަމުގެ ތެރެއަށް ޣަރަޤުވެވޭ ކަމެއް! ފުރުޞަތުގެ ބޭނުން ހިފާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރޭގަނޑުގެ ވަގުތުގައި ކީރިތި ޤުރްއާން ކިޔެވުމަކީ އެކަމުގެ ތެރެއަށް ޣަރަޤުވެވޭ ކަމެއް! ފުރުޞަތުގެ ބޭނުން ހިފާ!

"ހަމަކަށަވަރުން، ނިދުމަށްފަހު، ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ." (އަލްމުޒަންމިލް: 6)

މިއާޔަތުގެ ތަފްސީރުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ދަމު ނަމާދުގެ ވަގުތު ކިޔެވުމުން ދެވޭ ސަމާލުކަން އިތުރުވެގެންދާނެކަމަށެވެ. ފުރިހަމައަށް ކިޔަވަން މަސައްކަތް ކުރެވޭނެ ކަމަށެވެ. އެހެންކަމުން އެކަމަށް އާދަކޮށްފި މީހަކަށް ރޭގަނޑުގެ އެ ވަގުތުގައި (ފަހު ދަންފަޅީގައި) ކިޔަވާ މީހަކަށް ކިޔެވުމުގެ ތެރޭގައި އެކަމަށް ޣަރަޤުވެވޭ ވަރަށް ކިޔެވުމުގެ ތެރެއަށް ވަދެވޭނެ ކަމަށެވެ.

ދަމުނަމާދަށް ހޭލެވޭ މީހާ ހުކުރު ވިލޭ ރޭ ކީރިތި ޤުރްއާން ކިޔެވުން އިތުރުކޮށްލަން މަސައްކަތްކުރާށެވެ. އެހެނީ ހުކުރުވިލޭރެއަކީވެސް ހުކުރު ދުވަހުގެ ބައެކެވެ. ނުހޭލެވޭ މީހާ ހުކުރު ދުވަހު ކީރިތި ޤްރްއާން ކިޔެވުން އިތުރުކުރާށެވެ! އެއީ ކޮންމެ ދުވަހަކުވެސް ކުރަން އޮތް ކަމެއް ނަމަވެސް ހުކުރު ދުވަހު ލިބޭ ވަގުތު ގިނަވާނެތީއެވެ. ވީމާ އެންމެ ކުޑަމިނުން ކޮންމެ ހުކުރު ދުވަހަކު ކީރިތި ޤުރްއާނުން ފޮތެއް ކިޔެވި ނަމަވެސް އަހަރަކު 2 ޚަޠިމް ކުރެވުމާއި ގާތްކުރާނެއެވެ. ކުޑަ ނަމަވެސް އިތުރު ހިތްވަރެއް ލައިފިނަމަ 2 ޚަޠިމް ނުހަނު ފަސޭހައިން ކުރެވޭނެއެވެ. ހުކުރުވިލޭރެއައި ހުކުރު ދުވަހަށް ބަހާލައިގެން ނަމަވެސް މަދުވެގެން ދުވާލަކު ފޮޔެއް ކިޔަވަން ހިތްވަރުކުރާށެވެ!

ކީރިތި ޤުރްއާން ބައިކުރައްވާފައިވަނީ 30 ފޮތަށެވެ. އެއީ ގާތްގަނޑަކަށް 30 ގަޑިއިރުގެ ކިޔެވުމެވެ. އަހަރަކީ 52 ހުކުރެވެ. ވީމާ ހަމައެކަނި ކޮންމެ ހުކުރު ދުވަހަކު ފޮތެއް ކިޔެވި ނަމަވެސް އަހަރަކު 52 ފޮތް ކިޔެވޭނެއެވެ. އެހެންވީމާ އިތުރަށް ބޭނުންވާނީ ހަމަ އެންމެ 8 ގަޑިއިރެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން