މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
މިދަތުރުފުޅުގެ ތާވަލު އަދި ރޭވިފައި އޮތް ގޮތުން މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެރޭ މާލޭގައި ދަރުސެއް ދެއްވާނެއެވެ. އަދި 15 ވަނަ ދުވަހު އައްޑޫ ސިޓީގައި ދަރުސެއް ދެއްވާނެއެވެ. ކުޅުދުއްފުށީގައި ދަރުސް ދެއްވާނީ 16 ވަނަ ދުވަހުއެވެ.
މީގެ އިތުރުން 17 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރައްވަން ހަމަޖެހިފައިވަނީ ވެސް މުފްތީ މެންކްއެވެ. ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 18 ވަނަ ދުވަހުއެވެ.
ފަހަކަށް އައިސް ކޮންމެ އަހަރަކުހެން މުފްތީ މެންކް ގެންދަވަނީ ރާއްޖެއަށް ޒިޔާރަތް ކުރައްވައި ދަރުސް ދެއްވަމުންނެވެ. އެގޮތުން މިދިއަ އަހަރު ވެސް ވަނީ މާލެ އާއި އައްޑޫގައި ދަރުސް ދެއްވައިފައެވެ.