މިއަދުނޫހުގެ ކިޔުންތެރިން މާކުރީގަ! މާޝާ ﷲ! ބޭނުންވީ ދަމުނަމާދުން ފަށަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
މިއަދުނޫހުގެ ކިޔުންތެރިން މާކުރީގަ! މާޝާ ﷲ! ބޭނުންވީ ދަމުނަމާދުން ފަށަން!

މިއަދުނޫހުގައި އިއްޔެ "މިރޭ ޚާއްޞަ ކަމެއް ކުރަން ބޭނުންވާ މީހުން މިރެއިން ފެށިގެން ފަތިސް ނަމާދުކުރަން ފެށުން ކީއްހެއްޔެވެ؟" މިސުރުޚީގެދަށުން ލިޔުނު ލިޔުމާއި ގުޅިގެން ބައެއް ކިޔުންތެރިން ހުށަހެޅުއްވީ "މިރެއިން ފެށިގެން ދަމުނަމާދުކުރަން ފެށުން ވެސް ރަނގަޅުވާނެ" ކަމަށެވެ. 

މިއީ މިއަދުނޫހުން އުފާކޮށް މަރުޙަބާ ކިޔާ ކަމެކެވެ. އަޅުކަމުގައި އޮތީ ކުރިއަށް ދިއުމެވެ. ކުރާ އަޅުކަން ގިނަކުރުމެވެ. ދަމު ނަމާދަކީ ވަރަށް މުހިންމު ނަމާދެކެވެ. 

ލޮބުވެތި ކިޔުންތެރިންނޭވެ! ދީނީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ދަމުނަމާދުގެ މަތިވެރިކަމާއިއެކުގައިވެސް އެންމެ މުހިންމީ ފަރުޟް ނަމާދެވެ. ވީމާ ކޮންމެ ގޮތަކުން ނަމަވެސް ފަތިސް ނަމާދުން ދުވަސް ފަށަން ގަދައަޅައި މަސައްކަތްކުރާށެވެ! ޚާއްޞަކޮށް ފިރިހެނުން ފަތިސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވާށެވެ! އަންހެނުން ވެސް ވީހައި ކުރިން ފަތިސްނަމާދުކުރާށެވެ! މިސްކިތުގައި ކުރި ނަމަވެސް ގޭގައި ކުރި ނަމަވެސް ފަތިސް ނަމާދަށްފަހު ވީހައި ގިނަ ވަގުތު ޛިކުރުކުރުންމަތީގައި އިންނަން ގަދައަޅައި މަސައްކަތްކުރާށެވެ! 

ބައެއް ކިޔުންތެރިން ހަމައެކަނި އެލިޔުމުގެ ސުރުޚީ ވިދާޅުވެފައި ވަނީ ކޮމްނެޓު ކުރައްވައިފައެވެ. އެލިޔުމުގައި ވާނީ ވަކި ރެއެއް ވުމުން ފަތިސް ނަމާދު ކުރަން ފެށުމަކަށް ނޫނެވެ. ކުރީރޭގައި ފަތިސް ނަމާދު ނުކުރެވުނު މީހުން "މިރޭ" ފަތިސް ނަމާދުން ފެށުމަށެވެ.

އެލިޔުމުގައި ވާނީ: 

"މިރެއަކީ މީލާދީ އައު އަހަރު ފެށޭ ރެއި ކަމުގައި ވުމުން ކޮންމެވެސް އައު ކަމެއް ކުރަން ބޭނުންވެގެން ބައަކު އުޅޭ ކަމުގެ ވާހަކަތައް އެބަ އަޑު އިވެއެވެ. އެފަދަ މީހުންނަށް ދޭން އޮތް ނަޞޭޙަތަކީ މިރެއިން ފެށިގެން ޤަވާއިދުން ފަތިސް ނަމާދުކުރާ މީހަކަށް ވާށެވެ! 

މިރެއިން ފެށިގެން ކަމަށް މިބުނީ މިރެއަކީ އެކަމަށް ޚާއްޞަ ރެއެއް ކަމުގައި ވާތީއެއް ނޫނެވެ. ރެއި އެކަން ނުފަށައި އޮތުމުންނެވެ! މުސްލިމުންނަށް އޮތީ އަބަދުވެސް ތައުބާވެ، ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުންމަތީގައި ދެމިތިބުމެވެ." މިފަދައިންނެވެ. 

ވީމާ ލިޔުމުގައި ބަޔާންކޮށްފައި އެވަނީ ވަކިރެއެއް ވެގެން ފަތިސް ނަމާދުކުރަން ފަށަން ނޫން ކަމާއި "މިރޭ" ފަށަންވީ ރޭގައި ނުފެށި އޮތުމުންކަން ވަރަށް ސާފުކޮށް އެނގިގެންދެއެވެ. 

ލިޔުން ކިޔާ ނުލައި ހަމައެކަނި ސުރުޚީ ކިޔާފައި ކޮމެންޓުކުރުމުން ދީނީ ލިޔުންތަކަށް ލިބެންވާ ތަޜްޙީބަށް ހުރަސް އެޅެއެވެ. ވީމާ ކޮމެންޓް ކުރައްވާނަމަ ލިޔުން ރަނގަޅަށް ވިދާޅުވެފައި ކޮމެންޓްކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެކެވެ. 

 

 

މިއަދު އޮންލައިން