ގަދައަޅައި މަސައްކަތްކުރުމުން ކޮންމެ ކަމެއް ކާމިޔާބު ކުރެވޭނަމަ އިބިލީހަށް އެންމެން ނަރަކައަށް ނުވެއްދެނީ ކީއްވެ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ގަދައަޅައި މަސައްކަތްކުރުމުން ކޮންމެ ކަމެއް ކާމިޔާބު ކުރެވޭނަމަ އިބިލީހަށް އެންމެން ނަރަކައަށް ނުވެއްދެނީ ކީއްވެ؟

އިބިލީސް ސުވަރުގެއިން ބޭރުކޮށްލެއްވެވީންސުރެ އިބިލީސް ރެއާއި ދުވާލު މެދުކެނޑުމެއް ނެތި ކުރާ މަސައްކަތަކީ މީސްތަކުން ނަރަކައަށް ވެއްދުމުގެ މަސައްކަތެވެ. އެކަމަށް އެކަލޭގެ ނުކުރާ އެއްވެސް މަސައްކަތެއް ނެތެވެ. 

އިންސާނުންގެ ލޭގެ ތެރޭގައި ދައުރުވުމުގެ ބާރު އިބިލީހަށް ދެއްވަވާފައި އޮތުމުން ލޭގެ ތެރޭގައި ވެސް އިބިލީސް އެކުރަނީ ހަމަ އެ މަސައްކަތެވެ. ލޯތަކަށް ދައްކަނީ ނަރަކައަށް މީސްތަކުން ގެންދަން މަގުފަހިވާނެ މަންޒަރުތަކެވެ. ކަންފަތްތަކަށް އިއްވަނީ އެފަދަ އަޑުތަކެވެ. ސިކުނޑިތަކަށް ވިސްނައި ދެނީ ފާފަކުރުމަށެވެ. ހިތްތައް ޝައުޤުވެރި ކުރުވަނީ ފާފަތައް ކުރުމަށެވެ. 

ބޭނުމަކީ ހަމަ އެންމެ ބޭނުމެކެވެ. އެއީ އެކަލޭގެއާއިއެކު ހުރިހާ އިންސާނުން ގޮވައިގެން ނަރަކައަށް ވަނުމެވެ. ނަމަވެސް އެ މަޤްޞަދު އެކަލޭގެއަކަށް ޙާޞިލެއް ނުކުރެވޭނެއެވެ! އެކަލޭގެއާއިއެކު ނަރަކައަށް ވެއްދޭނީ އެކަލޭގެ އާއި އެއްބައިވި މީހެކެވެ. އެކަލޭގެއަށް ހެއްލުނު މީހެކެވެ. އިތުރު އެންމެ މީހަކުވެސް ނުވެއްދޭނެއެވެ. 

އިންސާނުންގެ ތެރެއިން ކަންކަން ޙާޞިލުކުރަން ބޭނުންވެގެން ގަދައަޅައި މަސައްކަތްކުރާ އެތައް ބައަކު މަރުވެގެން އެދަނީ ޙާޞިލުކުރަން ބޭނުންވި ލަނޑުދަނޑި ޙާޞިލު ނުކުރެވިއެވެ. ފައިސާގެ ތަނަވަސްކަމާއި ޓެކްނޮލޮޖީގެ ގޮތުން ޤާބިލުކަން ލިބިފައިވާ އިންޑިއާއިން ދާދި މިދާކަށް ދުވަހު ހަނދަށް ޖައްވީ އުޅަނދެއްވެސް ފޮނުވިއެވެ. ޖެއްސުނު ހެއްޔެވެ؟ 

މިހުރިހައި ކަންކަމުން ވެސް އެނގިގެންދަނީ ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ޙާޞިލުކުރެވޭނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވި ކަމެއް ކަމެވެ. ކަންކަމަށް އެދިގެން މަސައްކަތްކުރާއިރު ގިނަގިނައިން ﷲ ތަޢާލާއަށް ދުޢާކުރަންވީ މި ސަބަބަށްޓަކައެވެ. ވީމާ ކޮންމެ ކަމެއް ޙާޞިލުކުރަން ބޭނުންވި ނަމަވެސް ގިނަގިނައިން ދުޢާކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ! ކާމިޔާބާއި ނަޞްރު ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާކަން އަބަދުވެސް ޔަޤީންކުރާށެވެ!

ދުޢާ ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ގަދައަޅައި މަސައްކަތް ކުރުމުން ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނެކަމަށް ބުނެ އޮޅުވައިލަނީ އިބިލީހުގެ ބައިވެރިންނެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން -

މިއަދު އޮންލައިން