ކުޑަކުދިން ވިހެއުމާއި އަދި އެކުދިން ބަލަހައްތަންޖެހޭ ފަރާތަކުން އެކަމުގައި އިހްމާލުވުމުގެ ކޮންމެ މައްސަލައެއް ފުލުހުން ޕީޖީއަށް ފޮނުވި ނަމަވެސް އެ މައްސަލައެއްގައި ދަޢުވާ ކުރައްވާނެ ކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޙުސައިން ޝަމީމް މިމޭރުމުން ވިދާޅުވީ މިއަހަރުވެސް އަދި ކުރީ އަހަރުތަކުގައިވެސް ކައިވެނީގެ ބޭރުން ގިނަ އަދަދެއްގެ ކުޑަކުދިން ވިހެއުމުގެ މައްސަލަތައް ފެންމަތިވެފައިވާއިރު އެއިން އެއްވެސް މައްސަލަ އަކާއި ގުޅިގެން ދައުވާ ނުކޮށް " ކުޑަފަރީގައި 13 އަހަރުގެ ކުއްޖާ ވިހެއި މައްސަލައިގައި، އެކުއްޖާގެ ބެލެނިވެރި 2 މީހުންގެ ތެރެއިން އެކެއްގެ މައްޗަށް 4 ދަޢުވާ އަދި އަނެއް މީހާގެ މައްޗަށް އެއް ދަޢުވާކޮށް، ކުރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށް" ޕީޖީ އޮފީހުން ހާމަކުރުމާއި ގުޅިގެން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިއަހަރަށް ބެލި ނަމަވެސް އަންހެން ކުއްޖާގެ ޢާއިލީގެ ރުހުމުގައި ފިރިހެން ކުއްޖަކު ގޭގައި ނިންދަވައި ގެންގުޅެނިކޮށް ވިހެއި 2 މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އިތުރު މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ. ކުޑަކުދިން ގަދަކަމުން ގެސްޓް ހައުސްގެ ކޮޓަރިއަކަށް ވެއްދުމާއި ދަރިވަރަކު ގަދަކަމުން ފްލެޓަކަށް ވެއްދުމާއި މިނޫންވެސް ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އުމުރުން 18 އަހަރު ނުފުރޭ ކުދިން ވިހެއުމުގެ މައްސަލަތަކަކީ ކޮންމެ އަހަރަކުވެސް ފެންމަތިވަމުން އަންނަ މައްސަލަތަކެއް ނަމަވެސް މިއިން އެއްވެސް މައްސަލައެއްގައި ދައުވާ އުފުލުނުކަން އެނގިފައެއް ނުވެއެވެ.
ޕީޖީ ޝަމީމް ވިދާޅުވީ މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅައި އިޞްލާޙްކުރަން ޖެހޭ މިބާވަތުގެ ކަންކަން އެބަހުރި ކަމަށާއި މިބާވަތުގެ މައްސަލައެއް ޕީޖީއަށް ހުށަހަޅައިފިނަމަ ދައުވާ ނުކުރައްވައި ދޫކޮށް ނުލައްވާނެ ކަމަށެވެ.
ކައިވެނިކޮށްގެން ނަމަވެސް ކައިވެނި ނުކޮށް ނަމަވެސް ކުޑަކުއްޖަކާއި ޖިންސީ ގުޅުން ހިންގައިފިނަމަ އެ ކުއްޖަކަށް ލިބޭނެ ހުރިހާ ގެއްލުންތަކެއް ހުންނާނީ ލިބިފައިކަން ފާހަގަކުރެވެއެވެ.