ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އުފެއްދެވި ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަތަކެއް، ތަހުގީގު ފުރިހަމަ ކުރަން އަނބުރާ ފޮނުވާލައިފިއެވެ.
އެނގިފައިވާ ގޮތުގައި މަރު ކޮމިޝަނުން ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ އަނިޔާވެރިކޮށް މަރާލި ދީނީ ޢިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑރ. އަފްރާޝިލް އަލީ އަވަހާރަކޮށްލުމާއި، މިނިވަން ނޫސްވެރިޔާ އަހްމަދު ރިލްވާން ރަހީނުކޮށް މަރާލުމުގެ އިތުުރުން ބްލޮގަރ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން މުޙައްމަދު މަޒީދާއި ސާމިތު މުޙައްމަދު ގެ މައްޗަށެވެ.
މަޒީދާއި ސާމިތު އަކީ މިތިން މަރުގެ ވެސް މޭސްތިރިން ކަމަށް މަރު ކޮމިޝަނުން ވަނީ ތުހުމަތު ކޮށްފައެވެ.
މީގެއިތުރުން ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން މަރު ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް ކުރިގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް ކޮމިޝަނުން ވަނީ އެދިފައެވެ. ނަމަވެސް އެ ތިން މައްސަލައިގައި ވެސް ދައުވާ ކޮށްނުދީ ޕީޖީން ވަނީ އަނބުރާ ފޮނުވާލާފައެވެ.
ތަހުގީގު ފުރިހަމަ ކުރުމަށް ފޮނުވީ މަޒީދާއި ސާމިތުގެ މައްސަލައެވެ. ޑރ. ޝަހީމްގެ މައްޗަށް ދައުވާ ކޮށްފައި ނުވަނީ ފުލުސް އޮފީހަށް ހުށަހަޅައިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
މަރު ކޮމިޝަނުން ހުށަހެޅި މައްސަލަތައް ޕީޖީން އަނބުރާ ފޮނުވާލިއިރު އެކޮމިޝަނުގެ ތަހުގީގުތަކާއިމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
އަފްރާޝީމާއި އާއި ނޫސްވެރިޔާ ރިލްވާންގެ މަރުގެ ވެސް މުހިއްމު މައުލޫމާތުތަކެއް އާއްމުކުރި އިރު މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް ކޮމިޝަނުން އަޅައިފައެއް ނުވެ އެވެ. ނަމަވެސް އެމަރުތަކުގައި އެކި ގޮތްގޮތުން ބައިވެރިވި މީހުންނާއި އެ މީހުންގެ ދައުރު ވެސް ކޮމިޝަނުން އާންމުކުރި ރިޕޯޓްތަކުގައި ހާމަކޮށްފައިވެ އެވެ.
ކޮމިޝަންގެ މަސައްކަތައް ކުރިއަށްދަނިކޮށް ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމުން އެ ކޮމިޝަނާއި ދޭތެރޭ ދެން ވާނީ ކިހިނެއްކަމާމެދު އާންމު ގިނަ ރައްޔިތުން ސުވާލުއުފައްދައެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުން ހާމަކުރީ އަދި ވަކިގޮތެއް ރައީސް ޞާލިޙް އަދި ނިއްމާފައި ނުވާ ކަމަށެވެ.