ކޮމަންޑޫގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާގޮތް ރައީސް އާއި ޙިއްޞާކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކޮމަންޑޫގެ ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާގޮތް ރައީސް އާއި ޙިއްޞާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

‎މިބައްދަލުކުރެއްވުމުގައި، ކައުންސިލަރުންވަނީ ކޮމަންޑޫގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށު ފެނާ ނަރުދަމާގެ މަޝްރޫޢުގެ އިތުރުން ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ބަދަލުކުރުމުގެ މަސައްކަތާއި ކޮމަންޑޫގެ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދުމާބެހޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރައްވާފައެވެ.

‎ރަށަށް ދިމާވެފައިވާ މުހިއްމު ބައެއް އިތުރު ކަންކަމުގެ ގޮތުގައި ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ އަގުހެޔޮކުރުމާއި ރަށުގައި އުފެދޭ ކުނި ނައްތާލުމުގައި ހުރި ކަންބޮޑުވުންތައް، ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

‎މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮމަންޑޫގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކުގެ ތެރެއިން ކައުންސިލަރުން އެމަނިކުފާނާ ޙިއްޞާކުރެއްވި ކަންކަމުގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ޙައްލުކުރެވެންހުރި މައްސަލަތަކުގައި އެރަށު ކައުންސިލަށް އެހީތެރިވެދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމަކީ މިހާރުވެސް އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރެވެމުންދާ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން