ދަމުނަމާދުކުރުމަކީ ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުން ސަލާމަތްވެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ދަމުނަމާދުކުރުމަކީ ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުން ސަލާމަތްވެވެން އޮތް ކަމެއް!

ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ޚާއްޞަކޮށް ހިނިތުންވެވޮޑިގަތުން ލިބިގެންދާ 3 މީހަކުވެއެވެ. އެއިގެ ތެރެއިން އެކަކަކީ، އެމީހަކަށް ރީތި އަންބަކާއި ނިދުމަށް އަރާމު ތަންމައްޗެއް ލިބިފައިވަނިކޮށް އޭނާގެ އަމިއްލަ ބޭނުންތަކާއި އަރާމު ތަންމަތި ދޫކޮށް ﷲ ތަޢަލާ ހަނދުމަ ކުރުމަށްޓަކައި އެކަންކަން ދޫކޮށް އެނދުން ތެދުވާ މީހާއެވެ.

އެފަދަ މީހުންނަށްޓަކައި ﷲ ތަޢާލާ މަލާއިކަތުންނަށް ވަޙީކުރައްވަވާނެތެވެ. "ނިކަން ދެކެބަލާށެވެ! ތިމަން ﷲ ގެ އަޅާ އޭނާއަށް ލިބެންހުރި އަރާމުތަކާއި އުފާތައް (ރީތި އަނބި މީހާޢާއި އަރާމު ތަންމަތި) ދޫކޮށް އެއިނީ ތިމަން ﷲ ހަނދުމަކުރާށެވެ! އޭނާ ބޭނުންވިނަމަ އޭނާއަށް ނިދަން އޮވެވުނީހެވެ!" މިމޭރުމުން ވަޙީކުރެއވެވުމަށްފަހު ހިނިތުންވެވޮޑިގަންނަވާނެއެވެ.

ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ! އެންމެހައި ޢާލަމްތަކުގެ ވެރި "ރައްބުލްޢާލަމީން" ގެ ރުހިވޮޑިގަތުމާއި ހިނިތުންވެވޮޑިގަތުން ލިބުމަށްވުރެ ބޮޑު އެއްވެސް ނިޢުމަކީ ކޮބައިހެއްޔެވެ؟ އެބައޮތް ހެއްޔެވެ؟ މިދުނިޔޭގައި މީހަކު ދިރި ހުއްޓައި އެމީހަކަށްޓަކައި ﷲ ތަޢާލާ ހިނިތުންވެވޮޑިގެންފިނަމަ ޤިޔާމަތް ދުވަހު އެމީހާގެ ހިސާބު ބެއްލެވުމެއް ނެތްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

ރަނގަޅަށް ވިސްނާށެވެ! އެފަދަ މީހުންނަކީ ޤިޔާމަތް ދުވަހުގެ ހުރިހާ ބިރުވެރިކަމަކުން ސަލާމަތްވެގެންވާ ބައެކެވެ. މިއީ ކޮންފަދަ މަތިވެރި ނަޞީބެއްތޯއެވެ!

މީސްތަކުންނޭވެ! ދަމު ނަމާދަކީ ތިއަބައިމީހުންނަށް ކުރެވިފައިވާ ފާފަތަކާއި ކުރެވެންހުރި ފާފަތަކުން ތިއަބައިމީހުން ސަލާމަތްކޮށްދޭނޭ ކަމެކެވެ. ދަމު ނަމާދުކުރާ މީހުންނަކީ ﷲ ތައާލާގެ ޙަޟްރަތުގައި މަތިވެރިވެގެންވާ ޝަރަފު ލިބިގެންވާ ބައެކެވެ. މިއީ ރޭގަނޑުގެ ކުޑަ ވަގުތުކޮޅެއް ﷲ ތަޢާލާއަށްޓަކައި ހޭދަކުރާ މީހުންނަށް ޙާޞިލުކުރެވެން އޮތް ކަމެކެވެ. ކުޑަ ވަގުތު ކޮޅެއް ޤްރްބާން ކޮށްލުމުން ލިބެން އޮތް ހުރި މަތިވެރި ނިޢްމަތްތަކެވެ.

ދަމު ނަމާދުގެ މަޤްޞަދު މިވަނީ އޮޅިފައެވެ. ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ދަމު ނަމާދުކުރުމަކީ މުސްކުޅިން ނުވަތަ މުސްކުޅިވުމުން ކުރަންޖެހޭ ކަމެއް ކަމަށެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. ދަމު ނަމާދުކުރުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަން އޮތް ކަމެކެވެ. ކޮންމެ އުމުރެއްގެ މީހެއް ނަމަވެސްމެއެވެ.

ދަމު ނަމާދުކުރުމަކީ ހަމައެކަނި މިއުންމަތުގެ މުސްލިމުން ކުރާ ކަމެއް ނޫނެވެ. އިސްވެ ދިއަ ޖީލުތަކުގެ މީހުންގެ ތެރެއިންވެސް ހެޔޮ ލަފާ މީހުން ދަމުނަމާދުކުރިއެވެ. ވީމާ މިއުންމަތުގެ ހެޔޮލަފާ ހަމަ ކޮންމެ މީހަކީވެސް ދަމުނަމާދުކުރާ މީހަކަށް ވާންޖެހޭނެ ކަމަށް ޤަބޫލުކުރަމެވެ.

ދީނަށް ގޮވާލާ ގިނަ އަދަދެއްގެ މީހުން އެބަ އުޅެއެވެ. ޢިލްމުވެރިން އެބަ އުޅުއްވަވައެވެ. ދީނަށް ގޮވާލާ ޖަމާއަތްތައް ވެސް ބައިވަރެވެ. އެ ޖަމާއަތްތަކުގައި ބައިވަރު ވެރިން ތިބެއެވެ. ނަމަވެސް ދަމު ނަމާދެއް ނުކުރެއެވެ. ވީއިރު އެމީހުންނަކީ ކޮން ކަމެއް ކުރަން އުޅޭ ބައެއްކަމާއިމެދު އަހަރެން ސުވާލު އުފައްދަމެވެ.

އަހަރެމެން ތެރެއިން ގިނަ ބައަކީ އެމީހުންގެ ދަރިންނަކީ ހެޔޮ ލަފާ، އަޅުވެރި ބައަކަށްވުމަށް އެދޭ ބައެކެވެ. އެކަމަށް މަސައްކަތް ވެސް ކުރާ ބައެކެވެ. ނަމަވެސް ދަމުނަމާދު ކުރަނީ ވަރަށް މަދު މީހެކެވެ. މިއީ ހަމަ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫނެވެ. އަވަހަށް ދަމުނަމާދުކުރަން ފަށާށެވެ.

ވިޔަފާރީގެ ގޮތުން ނަމަވެސް އަދި ބަލިމަޑުކަމަކުން ނަމަވެސް ނުވަތަ އެނޫން ގޮތަކުން ނަމަވެސް މުޞީބާތެއް ކުރިމަތިވެފައިވާ މީހުންނަށްވެސް ބުނަން އޮތީ ދަމުނަމާދުކުރާ މީހަކަށް ވުމަށެވެ. ދަމު ނަމާދަށްފަހު ގިނަގިނައިން ދުޢާކުރާށެވެ! ﷲ ތަޢާލާގެ ޜަޙްމަތްފުޅު އެމީހަކަށް ލިބިގެންދާނެއެވެ!

- އުސްތާޛް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން