ދަނޑުވެރިކަމުގައި މާގިނައިން ޕެސްޓިސައިޑް ބޭނުންކުރާކަމުގެ ޝަކުވާ!

ކިޔުމަށް ހޭދަވާނީ 1މ 37ސ
ދަނޑުވެރިކަމުގައި މާގިނައިން ޕެސްޓިސައިޑް ބޭނުންކުރާކަމުގެ ޝަކުވާ!

ދަނޑުވެރިކަމުގައި ބޭނުންކުރާ ފެސްޓިސައިޑް ނުވަތަ ބޭހާއި ކެމިކަލް އާދަޔާއި ހިލާފަށް ގިނައިން ބޭނުންކުރާކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ އަލީ އާމިރު ވިދާޅުވީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ފެސްޓިސައިޑް އާދަޔާއި ހިލާފަށް ގިނައިން ބޭނުންކުރާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ވަރަށް ގިނައިން ލިބޭކަމަށެވެ. އަދި ބައެއްފަހަރު މާކެޓަށް ތަކެތި ގެންނައިރު ކެމިކަލްގެ ވަސްވެސް ހުންނަ ފަހަރު އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ވިޔަފާރީގެ އުސޫލުން މަސައްކަތް ކުރާއިރު ކޮންމެވެސް ވަރަކަށް ކެމިކަލް ބޭނުންކުރަންޖެހޭކަމަށެވެ. ސަބަބަކީ ރާއްޖޭގެ ދަނޑުވެރިކަމުގައި ބައެއް ބަލިތައް އާންމުވުންކަމަށްވެސް އާމިރު ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ދިމާވަނީ މާގިނައިން ކެމިކަލްގެ ބާވަތްތައް ބޭނުންކުރާތީކަމަށް އާމިރު ވިދާޅުވިއެވެ.

"ބައެއް ކެމިކަލްގެ ބާވަތްތަކަކީ ހަމަ ކޮންމެހެންވެސް ބޭނުންވާ ކެމިކަލްގެ ބާވަތްތަކެއް ދަނޑުވެރިކަން ކުރުމުގައި. ތަފާތު އެކި ބާވަތްތަކުގެ ބަލިތައް ރާއްޖޭގެ ދަނޑުވެރިކަމުގައި ވަރަށް އާންމު. މީގައި މައްސަލަ ދިމާވެގެން އުޅޭ ހިސާބަކީ އެބޭނުންކުރަންވާ ހުދޫދު ނެތިގެންގޮއްސައި ހައްދުންނެއްޓޭކަހަލަ ގޮތަކަށް އެ މަސައްކަތް ކުރިއަށްގެންދާތީ." އާމިރު ވިދާޅުވިއެވެ.

މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ގުޑް އެގްރިކަލްޗަރ ސްކީމެއް މިހާރު ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވަނީ ތައްޔާރުކޮށްފައެވެ. އަންނަ އަހަރު ދަނޑުވެރިކަމުގައި ކެމިކަލްއާއި ބޭސް ބޭނުންކުރާ މިންވަރު މަދުކޮށް، މި ސްކީމަށް ދަނޑުވެރިން އަހުލުވެރިކުރުވައި ސްކީމްގެ ތެރެއަށް ދަނޑުވެރިން ވެއްދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރިއަށްގެންދާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި ރަށު ކައުންސިލްތައްވެސް މިކަމަށް އަހުލުވެރިކުރުވުމުގެ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން