ސްކޫލުތަކުގެ އަހަރީ ބޮޑު ޗުއްޓީ ދެ ބަޔަކަށް ބަހާލައި ބޮޑު ބަދަލެއް ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްކޫލުތައް ޗުއްޓީއަށް ބަންދުކުރާ ނޮވެމްބަރު އަދި ޑިސެމްބަރު މަހަކީ ޓޫރިޒަމް ދާއިރާގެ އެންމެ ބާރު ބޮޑު ދުވަސްވަރަށްވާތީ، އެ ދާއިރާގައި މަސައްކަތްކުރާ ބެލެނިވެރިންނަށް އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ގިނަ ފަހަރަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
އެހެންކަމުން ކޮންމެ ކުއްޖަކު ވެސް އާއިލާ މެމްބަރުންނާ އެކު ބޮޑު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، ޗުއްޓީ މިހާރު ރާވާފައިވާ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ގެނައި ބަދަލުގެ ސަބަބުން، އަހަރީ ޗުއްޓީގެ ފުރަތަމަ ބައި މެއި 31، 2020 އިން ފެށިގެން ޖޫން، 11، 2020 އަށް އަދި ޗުއްޓީގެ ދެ ވަނަ ބައި ޑިސެމްބަރު 6، 2020 އިން ފެށިގެން ޖެނުއަރީ 7، 2021 އަށް ދިނުމަށް ވަނީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.
"އަހަރީ ޗުއްޓީ އަށް ގެނެވުނު މި ބަދަލާ އެކު އެހެން ސިނާއަތްތަކާއި އޮފީސްތަކަށް ވެސް މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނެ ކަމުގައި މިނިސްޓްރީން ދެކެމެވެ،" އެމިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.