މި އަހަރަކީ ސަރުކާރަށް ވަރަށް ކާމިޔާބު އަހަރެއް: ހޫދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 38ސ
މި އަހަރަކީ ސަރުކާރަށް ވަރަށް ކާމިޔާބު އަހަރެއް: ހޫދު

ނިމިގެން މިދާ 2019 އަހަރަކީ ސަރުކާރަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު އިބްރާހިމް ހޫދު މިހެން ވިދާޅުވީ، މިި އަހަރު ސަރުކާރުން ކުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ހޫދު ވިދާޅުވީ މި ފާއިތުވި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ގިނަ މުހިންމު މަސައްކަތްތަކެއް ފަށައި އެ މަސައްކަތްތަކުން އެދެވޭ ނަތީޖާތަކެއްވެސް ވަނީ ނެރެވިފައި ކަމަށާއި 2019 ވަނަ އަހަރަކީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ސަރުކާރަށް ކާމިޔާބު އަހަރެއް ކަމަށެވެ.

މި އަހަރުގެ ތެރޭގައި ސަރުކާރަށް ހާސިލު ކުރެވުނު ބައެއް ކަންކަން ހޫދު ވަނީ ފާހަގަކުރައްވާފައެވެ.

ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކުރައްވަމުން، ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ތިބެގެން 5000 އަށްވުރެ ގިނަ ދަރިވަރުންނަށް އެކި ޔުނިވަރސިޓީތަކުން ފުރުޞަތު ހޯދައިދެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ހެނދުނުގެ ނާސްތާ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ 112 ސްކޫލެއްގައި ކޮންމެ ދުވަހަކު ފަންސާސް ފަސްހާހެއްހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދެއްވަމުން ގެންދަވާކަން ހޫދު ފާހަގަކުރެއްވިއެވެ. ރާއްޖެއިން ބޭރަށް ކިޔަވަންދާ ކުދިންނަށް ކުރިއަށްވުރެ ފަސޭހައިން ސްޓޫޑެންޓް ލޯނުލިބޭނެ މަގު ތަނަވަސް ކޮށްދެވިފައިވާކަމަށާ އަދި އެހެންއަހަރުތަކަށްވުރެ ގިނަ ޢަދަދަކަށް ސްކޯލަރޝިޕްގެ ފުރުޞަތު ފަހިކޮށްދެވިފައިވާކަންވެސް ހޫދު ފާހަގަކުރެއްވިއެވެ.

ވިހެއުމާއި ގުޅިގެން މަންމައިންނާއި ބައްޕައިންނަށް ދޭ ޗުއްޓީ ބޮޑުތަނުން އިތުރުކުރެވިފައިވާކަމާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ދަށްކުރެވިފައިވާކަމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދިނުމުގެ ކަންކަން ފަހިކޮށްދިނުމަށް އެސްއެމްއީ ބޭންކު ހުޅުވިފައިވާކަން ފާއިތުވި އަހަރުގެ ކާމިޔާބީތަކުގެ ތެރޭގައި ހޫދު ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ދާދިފަހުން ގެނެވުނު އިޞްލާޙާއި ގުޅިގެން ލާމަރުކަޒީ ނިޒާމު ހިންގުމަށް ލިބުނު ކުރިއެރުންތައް ވެސް ހޫދުފާހަގަކުރެއްވިއެވެ. މި ބަދަލުގައި އެންމެ އިސްދައުރެއް އަދާކުރާނެ ފަރާތްތަކަކީ ރާއްޖޭގެ ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލުތައް ކަން ހޫދު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާގެ އެންމެބޮޑު ތަޞައްވުރަކީވެސް ރާއްޖެ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ތަރައްޤީކުރުންކަމުގައި ހޫދު ވިދާޅުވިއެވެ. ލާމަރުކަޒީ ޤާނޫނަށް ގެނައި 8 ވަނަ އިޞްލާހު ތަންފީޒުކުރުމާއެކު، މީގެ ކުރިން ހިފެހެއްޓިފައިހުރި ބައެއް ބާރުތަކާއި އިތުރު ބާރުތަކެއްވެސް ކައުންސިލުތަކަށް ލިބިގެން ދާނެކަން ހޫދު ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓަކީ ރިކޯޑް އަދަދެއްގެ ބޮޑު ބަޖެޓެއްކަން ފާހަގަކުރައްވާ ހޫދު ވިދާޅުވީ އެ ޢަދަދު ބޮޑުވާ މައިގަނޑު ސަބަބަކީ މި ބަޖެޓަކީ ރާއްޖޭގެ ތާރީޚުގައިވެސް ތައުލީމާއި ޞިއްޙަތާއި ޢުމުރާނީ ތަރައްޤީއަށް އެންމެ ބޮޑު ޚަރަދެއް ކުރާނެ ބަޖެޓުކަމަށް ވުމުންކަމުގައެވެ. އެގޮތުން ތައުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާއިން ސަރުކާރުން ކުރިޔަށްގެންދަވާ ބައެއް މަޝްރޫޢުތައް ހޫދު ފާހަގަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ރާއްޖޭގެ 5 ސަރަޙައްދެއްގައި ޤާއިމުކުރާ ޓާޝަރީ ހޮސްޕިޓާތައް މީގެތެރޭގައި ހޫދު ފާހަގަކުރެއްވިއެވެ.

މީޑިޔާއަށް މައުލޫމާތު ދެއްވަމުން ހޫދު ވަނީ ފާއިތުވި 5 އަހަރު ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުން ނިމުމަކަށްގެނެވި ރާއްޖޭގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ހަމަޖެހުން ޤާއިމުކުރެވުމުން ޝަރުޢީދާއިރާ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު މިހާރު ތަނަވަސްވެފައިވާކަމަށާ އަދި ހަމަޖެހުން ޤާއިމުވުމާއި ގުޅިގެން ކުށްތަކަށް އަރައިގަންނަ ނިސްބަތްވެސް އެވްރެޖްކޮށް 50 އިންސައްތަ ދަށްކުރެވިފައިވާކަން މި ސަރުކާރުގެ މުހިންމު ކާމިޔާބީތަކުގެ ގޮތުގައި ހޫދު ފާހަގަކުރެއްވިއެވެ. ޢުމުރާނީ ތަރައްޤީގެ ދާއިރާއިންވެސް މިހާތަނަށް ރާއްޖޭގެ ސަރުކާރެއްގެ ފުރަތަމަ އަހަރުގެ ތެރޭގައި ނުކުރާވަރުގެ ރިކޯޑް ޢަދަދަކަށް ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް މިސަރުކާރުން ކުރިޔަށްގެންގޮސްފައިވާކަމުގައި ހޫދު ވިދާޅުވިއެވެ. މިގޮތުން 91 ރަށެއްގައި އުމުރާނީ ތަރައްޤީގެ 118 މަޝްރޫޢު ކުރިޔަށްދާކަމުގައި ހޫދު ވިދާޅުވިއެވެ. ހޫދު ވިދާޅުވީ މިހުރިހާ ކަންކަމަށް ބަލާއިރު ފާއިތުވި އަހަރަކީ ސަރުކާރަށް ގިނަ ކާމިޔާބީތަކެއް ލިބިގެންދިޔަ ކާމިޔާބު އަހަރެއް ކަމުގައެވެ.

 

މި ނޫސް ކޮންފަރެންސްގައި ހޫދު ވަނީ ސަރުކާރުގެ އެކިއެކި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވައި އެކަންކަމުގައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާގޮތުގެ މައުލޫމާތު މީޑިޔާއާ ޙިއްޞާކުރައްވާފައެވެ. 

މިއަދު އޮންލައިން