އަމިއްލަ ކުންފުންޏެއްގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދަން އޭޖީ އޮފީހުން ދަޢުވާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 52ސ
އަމިއްލަ ކުންފުންޏެއްގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ހޯދަން އޭޖީ އޮފީހުން ދަޢުވާކޮށްފި

އެޓާނީޖެނަރަލްގެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމެއްގެ ސޮފްޓްވެއަރއެއް ތައްޔާރުކުރުމަށްޓަކާ "ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލު ކުރި މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތުގައި ނިމިފައިނުވާތީއާއި ޕްރޮޕޯސަލްގެ ސްޕެސިފިކޭޝަނާ އެއްގޮތަށް އެ ކުންފުނިން ސޮފްޓްވެއަރ ތައްޔާރުކޮށްފައިނުވާތީ، އެމަސައްކަތަށް ޚަރަދުކުރި ފައިސާ ހޯދުމަށް ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެއޮފީހުން ދަޢުވާކޮށްފިއެވެ.

އޭޖީ އޮފީހުން ސިވިލް ކޯޓުގައި މިދަޢުވާ އުފުލިކަން ހާމަކޮށް އެއޮފީހުން ނެރުނު ބަޔާނުގައިވަނީ ކޭސް މެނޭޖުމަންޓް ސިސްޓަމް ސޮފްޓްވެއަރއެއް ޑިވެލޮޕްކުރުމަށް އެއޮފީހުން ޕްރޮޕޯސަލެއް ތައްޔާރުކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑާއެކު 2017ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބައްދަލުކޮށް، އެމަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރިކަމަށެވެ. އަދި އެއަށްފަހު އޭޖީ އޮފީހުން ހުށަހެޅި ޕްރޮޕޯސަލަށް ބިނާކޮށް، ކޭސް މެނޭޖްމަންޓް ސިސްޓަމެއް ތައްޔާރުކުރެވިދާނެ ކަމާއި އެސޮފްޓްވެއަރގައި ހުންނާނެ ސިފަތައް ބަޔާންކޮށް، ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން 21 ޖޫން 2017ގައި އެ އޮފީހަށް ޕްރޮޕޯސަލެއް ހުށައެޅިކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައިވާ ގޮތުން ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ޕްރޮޕޯސަލްގެ މަސައްކަތަށްވާ ފައިސާ ހަމަޖައްސައިދިނުމަށް އޭޖީ އޮފީހުން 29 އޮގަސްޓް 2017 ޓޫރިޒަމް މިނިސްޓްރީގައި އެދުމުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް)ގެ ޕްރޮޖެކްޓެއްގެ ގޮތުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) އިން ވަނީ މަސައްކަތުގެ އަގަށްވާ ފައިސާ އެކީ އެއްފަހަރާ ފްރީ ނެޓް ޕްރައިވެޓް ލިމިޓެޑަށް ވަނީ ދައްކާފައެވެ. ވަކި މުއްދަތުތަކަށް ބަހާލައިގެން ފްރީ ނެޓް މޯލްޑިވްސްއަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައި އެއްބަސްވެފައި ވަނިކޮށް، އެމް.އައި.ޓީ.ޑީ.ސީ އިން އެ ކުންފުންޏަށް އެކީ އެއްފަހަރާ ފައިސާ ދެއްކާފައި ވަނީ 21 ޑިސެމްބަރ 2017ގައި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން