ޗައިނާ އާއި އިންޑިއާގައި މުސްލިމުންނަށް ކުރަމުން ގެންދާ ގޯނާތަކަށް ރާއްޖެއިން ބަހެއް ނުބުނަނީ ރާއްޖެއިން ބަލާ މިންގަނޑުތަކަށް ނުފެތޭތީ ކަމަށް ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
ފާއިތުވި އަހަރު ސަރުކާރަށް ހޯދިފައިވާ ކުރިއެރުންތަކުގެ މައުލޫމާތު ޢާންމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ ރާއްޖެއަކީ އެއްވެސް އިރެއްގައި ޤައުމުތަކުގެ ދާޚިލީ ކަންކަމުގައި ބައިވެރިވެ، ޝާމިލުވެ ބަސް ބުނެ ހަދާ ބައެއް ނޫން ކަމަށާއި އިންޑިއާގައިވެސް އެއުޅެނީ ދާޚިލީ މައްސަލައެއް ކަމަށާއި އަދި އެކަންކަމަށް ބަސް ބުނެ ނުހަދަނީ އެހެންވެގެން ކަމަށެވެ.
ހޫދު ވިދާޅުވީ ފަލސްޠީނުގެ މައްސަލައިގެ އެންމެ އަޑުހަރުކޮށް ކަންބޮޑުވުން ފައުޅުކުރާ އެއް ޤައުމަށް ރާއްޖެ ވާނެ ކަމަށާއި އދ ގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވެވި ތަޤްރީރުގައި ވެސް އޮންނާނީ އިޒްރޭލުގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށެވެ.
"އިންސާނީ ޙައްޤުތަކާ ބެހޭ ކަންކަމުގަ ރާއްޖެއިން ބަލާ މިންގަނޑުތަކެއްވެސް ހުންނާނެ. ބައިނަލްއަޤްވާމީ ޤަނޫނުތަކާ އދގެ ޤަރާރުތައް. އެމިންގަނޑުތަކަށް (ޗައިނާ އާއި އިންޑިއާގެ މައްސަލަ) ނުފެތޭތީ ރާއްޖެއިން އެއްޗެއް ނުބުނަނީ." ހޫދު ވިދާޅުވިއެވެ.