ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަސް ނަސާރާ ދީނުގެ މީހުން ފާހަގަ ކުރަނީ އެމީހުންގެ ދީނުގެ އެންމެ މުހިންމު ދުވަސް ކަމުގައެވެ. އެމީހުން ބުނާ ގޮތުންނަމަ، އެއީ "ކްރިސްޓްމަސް" ދުވަހެވެ.
އެދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވުމުގެ ގޮތުން "މެރީ ކްރިސްޓްމަސް" އޭ ބައެއް މުސްލިމުން ވެސް އެމީހުންނަށް ކިޔައެވެ. ނަމަވެސް މިއީ ފުރިހަމަ މުސްލިމުން ކުރަން ވާނެ ކަމެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ދެއްވީ މުޅި ދުނިޔެއަށް ވެސް ނަން މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު އެވެ.
"އަހަރެން ގާތު ބައެއް މުސްލިމުން އަހާ ސުވާލެކެވެ. އެމީހުންގެ ނަސާރާ ދީނުގެ އެކުވެރިންނަށް ހަދިޔާއެއް ދެވިދާނެތޯއެވެ. އެއީ ކްރިސްޓްމަސް ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން، އެދުވަހުގެ މުނާސަބަތުގައި ދޭ ހަދިޔާއެއް ކަމަށް ވެސް އެމީހުން ބުންޏެވެ.
އެފަދަ މީހުންނަށް އަހަރެން ދޭ ޖަވާބަކީ، އަހަރެންގެ އަޙުންނާއި އުޚްތުންނޭވެ. ތިލަގޮތަކަށް ކިޔާދެން ހެއްޔެވެ. ތިބައިމީހުންނަކީ މުސްލިމުންނެވެ. މުސްލިމަކަށްވުމުގެ މާނައަކީ މާތް ﷲ މެނުވީ އެހެން އިލާހަކަށް އަޅުކަން ނުކުރުމާއި އެކަލާނގެއަށް އަޅުކަން ކުރުމުގައި އިތުރު އެހެން އެއްޗެއް ވެސް ބައިވެރި ނުކުރުމެވެ.
އެހެންކަމުން ތިބާއަކީ މުސްލިމަކަށްވާ ނަމަ، މާތް ﷲ މެނުވީ އިލާހަކު ނުވާ ކަމަށް ޤަބޫލު ކުރާނެއެވެ. އަދި އެކަލާނގެއަށް އަޅުކަންކުރުމުގައި އިތުރު އެއްޗެއް ބައިވެރިކުރުމަކީ އެންމެ ބޮޑު ވެގެންވާ ފާފަ ކަމަށް ވެސް ޤަބޫލު ކުރާނެއެވެ. އެއީ އެންމެ ބޮޑު ވެގެންވާ ފާފައަށްވާއިރު، އެހެން ބަޔަކު (ނަސާރާއިން) އީސާ (އަލައިޙިއްސަލާމް) އަކީ އެކަލާނގެ ދަރިއެއްކަމަށް ބުނެ ޤަބޫލު ކުރުން ވެސް ވާނީ ބޮޑު ވެގެންވާ ފާފައަކަށެވެ. އެއީ ވެސް ޝިރުކުގެ ޢަމަލެކެވެ.
ކީރިތި ޤުރްޢާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 'އެކަމުގެ ސަބަބުން އުޑުތައް ފަލަފަޅައިގެން ގޮސް، ބިންގަނޑު އިރައިރައިގެން ގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިޔުން ކައިރިވެގެންވެއެވެ.' (ސޫރަތުލް މަރްޔަމް ގެ 90 ވަނަ އާޔަތުގެ މާނަ)
މިއީ އެބަޔަކު އެބުނާ ބަސްތަކާއި ޤަބޫލު ކުރާ އެއްޗެހިތަކެއްގެ ސަބަބުން ވާނޭ ގޮތްތަކުގެ ވާހަކައެވެ. ސޫރަތުލް މަރްޔަމްގެ 88 ވަނަ އާޔަތާއި 89 ވަނަ އާޔަތައް ބެލިނަމަވެސް މިކަން ހާމަވެއެވެ.
'ރަޙްމާން ވަންތަ ރަސްކަލާނގެ، ދަރިކަލަކު ހިއްޕެވިކަމަށް އެކާފިރުވި މީހުން ބުނޫއެވެ' (ޤުރްއާން 19:88)
'ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަ ގެނައީ، ވަރަށް ވެސް ނުބައިވެގެންވާ ބަހެކެވެ.' (ޤުރްއާން 19:89)
މިއާޔަތްތަކުން ވެސް ނަސާރާއިން އެބުނާ ބަސްތަކާއި ޤަބޫލު ކުރާ ކަންތައްތަކަކީ މާތް ﷲ ވަރަށް ވެސް ބޮޑަށް ކޯފާ އިސްކުރައްވާ ކަންތައްތައްކަން ހާމަވެއެވެ.
މާތް ﷲ ގެ ދަރިކަލަކު ހުންނަވާކަމަށް އެބައިމީހުންނަށް ބުނެވުނީ ކިހިނަކުން ހެއްޔެވެ؟ އެފަދައިން ބުނެ އެބަސް ޤަބޫލުކޮށްގެން އެބައިމީހުން އެއެކަލާނގެ ދަށްކޮށްލަނީއެވެ. އެބައިމީހުން އެޤަބޫލު ކުރާ އެއްޗެއްގެ ސަބަބުން އެކަލާނގެ އެކަމާއި ލައުނަތް ލައްވާއިރު، ބައެއް މުސްލިމުން ބޭނުން ވަނީ އެބައިމީހުންނަށް ހަދިޔާދީ ތަހުނިޔާ ފޮނުވާ ނުވަތަ 'މެރީ ކްރިސްޓްމަސް' އޭ ބުނެ އެދުވަހުގެ އުފާވެރިކަމަށް އެދެން ހެއްޔެވެ؟ އެއިރުން އެފަދަ މުސްލިމުންނަށް ވެސް އެބުނެވެނީ 'މާތް ﷲ އަށް އުރެދުމުގައި އުފާވެރި ދުވަހަކަށް އެދޭ ކަމަށެވެ.'
އެދުވަހުގެ މުނާސަބަތުގައި ނަސާރާއިންނަށް ހަދިޔާ ދިިނުމުން އެބުނެވެނީ 'ތިޔަބައިމީހުން ޤަބޫލު ކުރާ އެއްޗެއްސާއިމެދު މާތް ﷲ ކޯފާ އިސްވެވޮޑިގެންވެއެވެ. އެހެންނަމަވެސް ތިމަންނާ މިދޭ ހަދިޔާ ޤަބޫލު ކުރާށެވެ. ތިމަންނާއަކީ މުސްލިމެކޭ،' މިހެންނެވެ.
މިއީ ވަރަށް ވެސް ނުބައި އަދި ފާފަ ލިބެނިވި ކަމެކެވެ. އަދި މިއީ މުސްލިމަކު ކަމުގައިވެ ހުރެ އެއްވެސް ވަރަކަށް ކުރުން ހުއްދަ ކަމެއް ނޫނެވެ. ހަމައެކަނި ނަސާރާއިންގެ ކްރިސްޓްމަސް ދުވަހެއް ނޫނެވެ. އެހެން އެއްވެސް ދީނެއްގެ މީހުން ފާހަގަ ކުރާ އެއްވެސް ކަމެއްގައި ބައިވެރިވެ، އެދުވަހެއްގެ ތަހުނިޔާ ފޮނުވުމަކީ ވެސް ބޮޑު ވެގެންވާ ފާފައެކެވެ.
އަހަރެމެންނަކީ އެއްކައުވަންތަ އިލާހަށް އަޅުކަން ކުރާ ބަޔަކަށްވީ ހިނދު، އެކަމާއި ދެކޮޅު ހަދާ މީހުންނާއި އެއްބައިވެ، އެމީހުންގެ ދީންތަކުގެ ކަންކަމުގައި މަސްއޫލުވެގެން އުޅުމަކީ ފުރިހަމަ މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ ބާޠިލް ދީންތަކެކެވެ. އެހެންކަމުން އެފަދަ ކަންކަމުގައި މުސްލިމުން އެއްބައިވެގެން ނުވާނެއެވެ.
މިކަމާއިމެދު ބަހުސް ކުރުމުގެ ގޮތުން އެއްބަޔަކު ބުނެ އުޅެނީ އެހެން ދީން ތަކުގެ މީހުން މުސްލިމުންނަށް ރަމަޟާން މަހުގެ މުބާރަކް ބާދީ އާއި އީދު މުބާރަކް ކިޔާއިރު، އެމީހުންގެ ޚާއްސަ ދުވަސްތަކުގައި މަރުޙަބާ ކިޔުން މައްސަލައަކަށް ނުވާނެ ކަމަށެވެ. ނަމަވެސް މިއީ ގޯސް ވިސްނުމެކެވެ.
އެބައިމީހުން އެމަރުޙަބާ ކިޔަނީ ޙައްޤު ވެގެންވާ ތެދުވެރި އިސްލާމްދީނުގެ ބަރަކާތްތެރި ދުވަސްތަކަށެވެ. އެހެން ނަމަވެސް އެބައިމީހުން ބާޠިލް ޙައްޤު ނޫން ދީނެއްގައި އުޅޭއިރު، އެކަމުގައި އެއްވެސް ތަހުނިޔާއެއް ކިޔުމެއް ނެތެވެ."