ދުވަހުގެ މަސައްކަތުގައި އުޅުމަށްފަހު ގެއަށް ގޮސް ހެދުން ބަދަލުކޮށްލައިގެން އިށީންނަތަނުން އަނބިމީހާ އައިސް ބައެއް ސުވާލުތައް ކުރެއެވެ. މިސާލަކަށް މިއަދުގެ މަސައްކަތް ކިހިނެއްތޯއެވެ. ބޭނުމީ ކާންތޯއެވެ. ނުވަތަ ސައިތަށްޓެއްތޯއެވެ.
މިފަދަ ޙާލަތުގައި ބައެއް ފިރިންނަށް ދެވޭ ޖަވާބު އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. މިސާލަކަށް އުނދަގޫ ނުކުރަން ބުނެފާނެއެވެ. އެކަނި އިންނަން ބޭނުންވާ ކަމަށް ބުނެފާނެއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ހެނދުނުންސުރެ ހަވީރުވަންދެން ގެއިން ބޭރުގައި އުޅެފައި އައިސް ގެއަށް ވަނުމުން ރަނގަޅު އަންތބެއްނަމަ ފިރިމީހާ އާއި ވާހަކަ ދައްކަން ކިހައި ބޭނުންވާނެ ހެއްޔެވެ؟ ކޮންމެވެސް ޚިދުމަތެއް ކުރަން ކިހައި ބޭނުންވާނެ ހެއްޔެވެ؟ އެކަމަށް މަސައްކަތް ކުރުމުން އަނބިމީހާގެ އިހްޞާޞްތަކުގައި ކޮޅުފައިން ޖެހުމުން ކުރާނެ އަސަރާއިމެދު ވިސްނައިލަބަލާށެވެ!
ވިސްނައިލާށެވެ! ތަކުރާރުކޮށް މިގޮތަށް ކަންތައް ކުރެވޭނަމަ ނަތީޖާއަކަށް ވާނީ އަނބިމީހާ އެކަމަށް ހޭނުމެވެ. އެހިސާބުން އަނބިމީހާ ބަލާނީ ފިރިމީހާ އާއި ދުރުގައި ހުރުމަށެވެ. އަނގައިން ނުބުނެ ކެތްކުރުމަށެވެ. އެގޮތް ވެސް ކަމަކު ނުދެއެވެ. އެހިސާބުން ގެއަށް އައުމުން ވާހަކަ ނުދައްކާތީ، ޚިދުމަތް ނުކުރާތީ މައްސަލަތައް އުފައްދައެވެ.
މިފަދަ ކަންކަން މެދުވެރިވަނީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވި މައްސަލަތައް ކޮނޑުޖަހައިގެން ހުރެ ގެއަށް ވަދެވޭތީއެވެ. އަނބިމީހާ އާއި އެގޮތަށް ހުރެ ބައްދަލުކުރެވޭތީއެވެ. ވީމާ ގެއަށް ވަނުމުގެ ކުރިން އެދުވަހުގެ މައްސަލަތައް ކޮނޑުން ނަގައި އުކައިލާށެވެ! ސިކުނޑިން ބޭރުކޮށްލާށެވެ! އަނެއް ދުވަހު އޮފީހަށް ދާން ގެއިން ނުކުމެވެންދެން އެ މައްސަލަތަކާއި ކައިރިވެސް ނުވާށެވެ! ނިކަން ބުނެބަލާށެވެ! ގޭގައި ހުރެގެން ކިތަންމެ ވަރަކަށް ބޯގޮއްވި ނަމަވެސް އެކަންކަމަށް ލިބޭނީ ވެސް ކޮން ޙައްލެއް ހެއްޔެވެ؟
ކަނުލައި އަޑުއަހާށެވެ! ދެމަފިރިންގެ ގުޅުމަކީ ރަޙިމުގެ ގުޅުމެއް ނޫނެވެ. ކައިވެންޏަކީ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ މައިގަނޑު އަސާސަކީ ދެމީހުން އެކުގައި ލޯބިން ދިރިއުޅުމެވެ. އެކަން ނުކުރެވޭނަމަ ދެމަފިރިން ކައިވެނިކޮށްގެން ތިބި ނަމަވެސް އެއްބަސްވުން އެވަނީ ފޭލްވެފައެވެ. ބާޠިލު އެއްޗަކަށް ހެދިފައެވެ. އެންމެ ފަހުގެ ނަތީޖާއަކަށްވާނީ ކޯޓަށް ގޮސް އެއްބަސްވުން ރަޖިސްޓްރީކުރި ފަދައިން އެއްބަސްވުން އުވާލަން ކޯޓަށް ދާންޖެހުމެވެ.
- ލިޔުމުގެ މައިގަނޑަކީ އުސްތާޛް ނޫމާން ޢަލީ ޚާން ފިރިހެނުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް ދެއްވައިވާ ޚުޠުބާއެކެވެ.