އިބްރާހިމް އަލައިޙިއްސަލާމް އަރިހަށް އެއްދުވަހަކު މީހަކު ވަޑައިގެން ދެންނެވިއެވެ.
"އޭ އަބޫ އިސްޙާޤް އެވެ. އަހުރެންނަށް އަބަދުވެސް ނުބައިމަގުން ދެވެއެވެ. އަދި މާތް ﷲ އަންގަވާފައިވާ ގޮތާއި ޚިލާފަށް އަހުރެންގެ ޢަމަލުތައް ބެެހެއްޓެއެވެ. އަހުރެންގެ ދިރިއުޅުން އިސްލާޙުކޮށް، ރަނގަޅު މަގަށް އުޅުމަށް ލިބޭ ކޮންމެ ދައުވަތަކަށް އަހުރެންނަށް ފުރަގަސްދެވެއެވެ."
އިބްރާޙީމް (ޢ.ސ) ވިދާޅުވިއެވެ. "ތިބާއަށް ތިމަން ކަލޭގެފާނު މިދަންނަވާ ފަސް ކަންތައް ތިބާއަށް ކުރެވިއްޖެނަމަ، ތިބާ ކުރާ އެއްވެސް ފާފައަކުން ތިބާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. އަދި ތިބާ ހިތް އެދޭ ގޮތަކަށް އެއިރުން ތިބާ ދިރިއުޅެންވިއްޔެވެ!"
އެމީހާ ދެންނެވިއެވެ. "އެ ފަސްކަންތަކަކީ ކޮބާތޯއެވެ؟ ވިދާޅުވެދެއްވާށެވެ."
"ފުރަތަމަ ކަމަކަށް، ތިބާ މާތް ﷲ އަށް އުރެދެން ބޭނުންނަމަ، އެކަލާނގެ ކުޅަދުންވަންތަކަމުން އުފައްދާފައިވާ އެއްވެސް އެއްޗެއް ނުކާށެވެ." މިފަދައިން އިބްރާހިމް (ޢ.ސ) ދެންނެވުމުން އޭނާ ހައިރާންވެފައި ބުންޏެވެ.
"ތިކަން ކުރާނީ ކިހިނަކުންތޯއެވެ؟ ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. އެހެންކަމުން އެކަލާނގެ އުފައްދާފައިނުވާ އެއްޗެއް އަހުރެން ކާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ކާނާއެއް ނުހޯދޭނެއެވެ. ދެވަނަ ކަންތައް ދަންނވާދެއްވާށެވެ."
މިހެން ބުނުމާއެކު އިބްރާހިމް (ޢސ) ވިދާޅުވިއެވެ. "މާތް ﷲ ގެ ކުޅަދުންވަކަމާއެކު އުފައްދާފައި އެއްޗަކުން ނުކައި ތިބާ އެކަލާނގެއަށް އުރެދޭނީ ކިހިނަކުން ހެއްޔެވެ؟ ދެވަނަ ކަންތައް އަޑުއަހާށެވެ. ދެވަނަ ކަންތައް އަޑުއަހާށެވެ. މާތް ﷲ އަށް އުރެދުމުގައި ނުވަތަ ފާފަ ކުރުމުގައި ތިބާ ދެމިހުންނަން ބޭނުންވާ ކަމުގައިވަންޏާ އެކަލާނގެ ހެއްދެވި އެއްވެސް ބިމެއްގައި ނުއުޅޭށެވެ."
މިފަދައިން ބުނުމާއެކު އަނެއްކާވެސް ހައިރާންވެގެން އެމީހާ ދެންނެވިއެވެ.
"އެކަލާނގެ ހެއްދެވި ބިމެއްގައި ނުއުޅެ ދެން އަހުރެން އުޅޭނީ ކޮންތާކު ހެއްޔެވެ؟ ހަމަކަށަވަރުން އެކަލާނގެއީ އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. ތިންވަނަ ކަންތައް ވިދާޅުވެދެއްވާށެވެ"
އިބްރާހިމް އަލައިހިއްސަލާމް ވިދާޅުވިއެވެ. "ތިބާ އެކަލާނގެ ކުޅަދުންވަންތަކަމުން އުފައްދަވާފައި ހުރި އެއްޗަކުން ކެއިންބުއިމަށްފަހު، އަދި އެކަލާނގެ ހެއްދެވި ބިމުގައި ވެސް ދިރިއުޅެމުން ވެސް އެކަލާނގެ އެންގެވި ގޮތަށް އުޅެން ބޭނުންނުވާ ކަމުގައިވާނަމަ އެންމެ ކުޑަމިނުން އެކަލާނގެއަށް ތިބާ ނުފެންނާނޭ ތަނަކަށް ދާންވީ ނޫންތޯއެވެ؟ އެއިރުން އެތަނެއްގައިހުރެ އެކަލާނގެއަށް އުރެދެން ބޭނުން ވަރަކަށް އުރެދޭށެވެ!"
މިފަދައިން ވިދާޅުވުމުން އެމީހާ ބުންޏެވެ. "އޭ އިބްރާހީމްއެވެ. މާތް ﷲ އަށް އަހުރެން ނުފެންނާނޭފަދަ ތަނަކަށް އަހުރެން ދާނީ ކޮންތާކަށް ހެއްޔެވެ؟ ހަމަކަށަވަރުން އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާވެ ވޮޑިގެން ނުވެއެވެ. ހަތަރުވަނަ ކަމަކީ ކޮބާތޯއެވެ؟"
އިބްރާހީމް އަލައިހިއްސަލާމް ވިދާޅުވިއެވެ."ތިބާގެ މަރު އައިސް ޖެހިއްޖެހިނދު މަލަކުލްމައުތުގެފާނު އަރިހު، ތިބާ ދުނިޔޭގައި އުޅެ އިސްލާހުވުމަށް އިތުރު ފުރުސަތު ދެއްވުމަށާއި މަރު ނުގެންދުމަށް އެދޭށެވެ"
އޭނާ ދެންނެވިއެވެ. "އަހުރެން ތިފަދައިން ދަންނަވާ އެއްވެސް އާދޭހެއް މަލަކުލްމައުތުގެފާނު އަޑެއް ނުއައްސަވާނެކަން ކަށަވަރެވެ. އަހުރެންގެ މަރުގެ ވަގުތު އައިސް ޖެހުމުން، އަހުރެންގެ މަރު ގެންދަވާނެތެވެ. ފަސްވަނަ ކަމަކީ ކޮބާތޯއެވެ؟"
އިބްރާހިމް އަލައިހިއްސަލާމް ދެންނެވިއެވެ. "ޤުޔާމަތް ދުވަހުން ނަރަކައިގެ ދޮރުކޮޅު ބަލަހައްޓަވާ މަލާއިކަތް ބޭކަލުން ތިބާ ނަރަކައަށް ވައްޓާލުމަށް ގެންދަން ވަޑައިގަތުމުން، އެބޭކަލުންނާއެކު ތިބާ ނުދާށެވެ"
އިބްރާހިމް އަލައިހިއްސަލާމް މިހެން ދެންނެވުމުން އެމީހާއަށް ވިސްނިވަޑައިގެން ދެންނެވިއެވެ. "ހަމަކަށަވަރުން އެދުވަހަކުން އެބޭކަލުން އަހުރެންގެ އާދޭހެއް އަޑެއް ނުއައްސަވާނެއެވެ. އަދި އަހުރެންނަކީ ނަރަކަވަންތަވެރިއެއް ނޫން ކަމުގައި ނުވާނެތެވެ."
އޭނާ އެހެން ދެންނެވުމުން އިބްރާހިމް އަލައިހިއްސަލާމް ސުވާލު ކުރެއްވިއެވެ. "ތިހެން ކަމުގައިވާނަމަ، ތިބާ ސަލާމަތްވާނީ ކިހިނަކުންތޯއެވެ."
"މާތް ރަސޫލާއެވެ. އަހުރެންނަށް ވިސްނިއްޖެއެވެ. މާތް ﷲ ހަޞްރަތުން ފާފަފުއްސެވުން އެދި އަހުރެން ދުޢާ ކުރަމެވެ. އަދި ހުރިހާ ކަމަކަށް ތައުބާވަމެވެ." ހިތާމަކުރާ ހާލު އޭނާ ދެންނެވިއެވެ.
އެދުވަހަށްފަހު އެމީހާ އޭނާގެ ދިރިއުޅުން އިސްލާޙު ކުރިއެވެ. އަދި ނުބައި ޢަމަލުތައް ކުރުމުން ދުރުވެގަނެ، މާތް ﷲ އަށް އަޅުކަން ކުރުމުގައި، އަދި މާތް ﷲ އެންގެވި މަގަށް ދިރިއުޅުމުގައި އޭނާ ސާބިތުވެ ހުންނެވިއެވެ.
މަސްދަރު: އިސްލާމިކް ސްޓޯރީސް