ފުރާނަ އެޅުއްވެވި ތަކެތީގެ ތެރެއިން އެންމެ ނުބައި ދާއްބައިންގެ ތެރޭގައި ތިބާ ހިމެނިގެންދާއިރު އެކަން ތިބާއަށް އެނގޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ފުރާނަ އެޅުއްވެވި ތަކެތީގެ ތެރެއިން އެންމެ ނުބައި ދާއްބައިންގެ ތެރޭގައި ތިބާ ހިމެނިގެންދާއިރު އެކަން ތިބާއަށް އެނގޭ ހެއްޔެވެ؟

ﷲ ތަޢާލާ ފުރާނަ އަޅުއްވަވާފައިވާ އެންމެހައި ތަކެތީގެ ތެރެއިން އެންމެ ނުބައިކަން ބޮޑު ބައަކީ ކޮން ބައަކުކަން އެނގޭ ހެއްޔެވެ؟ އެއީ "ޙައްޤުގެ ބަސް ނުބުނާ، އެ އަޑުނާހާ، ޙައްޤު އާއި، ބާޠިލު ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ." މި ބަޔާން ކުރާ 2 އާޔަތުގައި މިފަދަ މީހުން ﷲ ތައާލާ ސިފަކުރައްވަވާފައިވަނީ "ބީރު، މަންމަނުން"ގެ ގޮތުގައެވެ. 

އެހެނީ އެފަދަ މީހުންނަށް ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކުގެ އަޑު އިވުނު ނަމަވެސް އެކަމުން އެއްވެސް އަސަރެއް ނުކުރެއެވެ. އަޑު އިވުނު ކަމަށްވެސް ނުހަދައެވެ. އަމަލުކުރަން ހިތަށްވެސް ނުއަރުވައެވެ. 

"ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު ބައަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާ ބައެކެވެ. (އެބަހީ: ޙައްޤުގެ ބަސް ނުބުނާ، އެ އަޑުނާހާ، ޙައްޤު އާއި، ބާޠިލު ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.) 

އެއުރެންގެ ކިބައިގައި، ހެޔޮކަމެއްވާކަން ﷲ ދެނެވޮޑިގެންފިނަމަ، އެއުރެންނަށް އިއްވެވީސްކަން ކަށަވަރެވެ. އަދި އެއުރެންނަށް އިއްވެވި ނަމަވެސް، ފުރަގަސްދޭ ޙާލް، އެއުރެން އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ." (އަލް އަންފާލް 22،23) 

ވީމާ ޙައްޤު ގޮތް އެނގި ތިބެ އެކަންކަން ހާމަނުކުރާ މީހުންނާއި ޙައްޤު ބަސް ބުނެ އިއްވުމުން އަޑުއަހައި ޤަބޫލުނުކުރާ މީހުންނާއި، ޙައްޤާއި ބާޠިލު ވަކިކުރަން ނުވިސްނައި އެކަންކަމަށް ފިކުރު ނުކުރާ ކޮންމެ މީހަކީވެސް ﷲ ތަޢާލާ ފުރާނަ އަޅުއްވަވާފައިވާ އެންމެހައި ތަކެތީގެ ތެރެއިން އެންމެ ނުބައިކަން ބޮޑު މީހަކު ކަމުގައި ވެގެން ހިނގައިދާނެކަމަށް ބިރުވެތިވާށެވެ! 

މިޢްރާޖެ ދަތުރުފުޅުގެ ވާހަކަ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވުމުން މުޝްރިކުންގެ ބައަކު ގޮސް އެވާހަކަ ޤަބޫލުފުޅު ކުރައްވަވަމުތޯ އަބޫބަކުރުގެފާނާއި ސުވާލު ކުރެއްވެވުމުން "އެގޮތަށް ޙަދީޘްފުޅު ކުރައްވަވައިފިނަމަ ޤަބޫލުފުޅު ކުރައްވަވާ، ޔަޤީން ކަމަށް" އަބޫބަކުރުގެފާނު ވިދާޅުވީ ﷲ ތަޢާލާގެ އެންގެވުމަށް ނޫނީ އެފަދަ ބަސްފުޅެއް ރަސޫލް (ޞޢވ) ވިދާޅުނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިވަޑައިގެން ހުންނެވީތީއެވެ. ﷲ ތަޢާލާ ބާވައިލައްވަވާ އާޔަތްތައް ޤަބޫލުފުޅުކުރައްވައިގެން ހުންނެވީތީއެވެ. 

ހިތާމައަކީ މިއަދުވެސް އެމީހަކު ތާއީދުކުރާ ނުވަތަ ރުހޭ މީހާ ބުނާ ކޮންމެ ވާހަކައެއް އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތި ޤަބޫލުކުރާ ބައަކު އުޅޭތީއެވެ. އިސްލާމް ދީނާއި ގުޅުން ހުރި އެއްވެސް ކަމެއްގައި އެގޮތަށް އެކަން ކުރުމެއް ނެތެވެ. ދީނުގެ ތެރެއިން ތިމާއަށް އެނގިފައި ނެތްކަމެއްގެ ވާހަކައިގެ އަޑު އިވިއްޖެ ނަމަ ވިސްނައި ފިކުރާށެވެ! އިތުރަށް ޔަޤީންކުރާށެވެ! ހެކި ހޯދާށެވެ! 

އަދި ސިޔާސީ ކަންކަމާއި ދުނިޔަވީ ކަންކަމުގައިވެސް ހަމަ މިފަދައިން ޢަމަލުކުރާށެވެ! ވިސްނުންތެރިކަމާއިއެކު ނޫނީ ކަންކަން ބަލައި ނުގަންނާށެވެ! ތިމާ ކިތަންމެ ލޯބިވާ އަދި ކިތަންމެ އިތުބާރުކުރާ މީހަކު ބުނި ނަމަވެސް މެއެވެ. ނޫން ނަމަ ދުނިޔެވެސް އަދި ޢާޚިރަތްވެސް އެމީހަކަށް ގެއްލިގެން ހިނގައިދާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން