އެހައި ބުރަ ތަކްލީފާ ގަދަ ވޭން އަޅައި ވިހެއުމަށްފަހު ދަރިން ދެކެ މައިން ލޯބި ނުވާނަމަ ދެން ލޯބިވާނީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އެހައި ބުރަ ތަކްލީފާ ގަދަ ވޭން އަޅައި ވިހެއުމަށްފަހު ދަރިން ދެކެ މައިން ލޯބި ނުވާނަމަ ދެން ލޯބިވާނީ ކާކު؟

ފިރިމީހާ އަމަލުކުރާ ގޮތާ އަޅުވައި މައިމީހާގެ ލޯބިން ދަރިން މަޙްރޫމް ކުރުވުމަކީ ދަރިންނަށް ދެވޭ އަނިޔާއެއްގެ އިތުރުން މުޅި އިންސާނިއްޔަތަށް ދެވޭ އެންމެ ބޮޑު އެއް އަނިޔާ ކަމުގައިވެގެންދެއެވެ. އަދި އެކަން ވެގެންދަނީ އެންމެ 1 އިންސައްތައިގެ އަންހެނުން ދެން ތިބި 99 އިންސައްތަ އަންހެނުން ފަޟީޙަތްކުރަން ކުރެވޭ ކަމަކަށްވެސްމެއެވެ. 

ވިހަން އެޅި ވޭން ހަނދާން ހުރި ނަމަވެސް ދަރިން ދެކެ ލޯބިވާނެއެވެ! ހެޔޮކޮށް ހިތާނެއެވެ! ދަރިފުޅަށް ނިކަމެތިކަމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރާނެއެވެ! ވިހެއުމަށް އެހައި ގަދަ ވޭން އަޅައި ވިހެއުމަށްފަހު ދަރިން ދެކެ މައިން ލޯބި ނުވާނަމަ ދެން ލޯބިވާނީ ކާކު ހެއްޔެވެ؟ 

މައިން ނިކަން ވިސްނައިލަބަލާށެވެ! ބަލިވެ އިނީންސުރެ ވިހެއުމާއި ދެމެދު އުފުލި ވޭންތަކަށެވެ. ތަކްލީފްތަކަށެވެ! ޚާއްޞަކޮށް ވިހެއުމުގައި އެޅި ވޭންތަކަށެވެ. އެއަށް ފަހު ކިތައްރޭގެ ނިދި ނަގައިލެވުނުކަމާއިމެދުގައެވެ. އެއަށްފަހު ދަރިފުޅުގެ ޚިދުމަތުގައި އުފުލި ތަކްލީފްތަކަށެވެ. 

މިހުރިހާ ކަންކަމަށް ވިސްނައިލުމަށްފަހު ނިކަން ބުނެބަލާށެވެ! ފިރިމީހާ ވަރިކުރުމުން ނުވަތަ އެނޫންވެސް އެފަދަ ކަމެއް ދިމާވުމުން ދަރިފުޅު ދެކެ ވީލޯބިން ބައެއް އުނިކޮށްލައި ދަރިފުޅު ނިކަމެތިކޮށްލުމަކީ ކުރަން ހެޔޮވެދާނެ ކަމެއް ހެއްޔެވެ؟ 

މި ވާހަކަ ދައްކަން މިޖެހެނީ މަދުން ނަމަވެސް މިފަދަ މައްސަލަތައް ކުރިމަތިވާތީއެވެ. ފިރިމީހާގެ އުޅުމަށް އަންނަ ބަދަލަކާއި ގުޅުވައިގެންވެސް ބައެއް މައިންނަށް ދަރިންނާއިމެދު ފަރުވާކުޑަކުރެވޭތީއެވެ. ދޭން ޖެހޭ ލޯބި ނުދެވިދާތީއެވެ. އެއްގޮތަކަށްވެސް އެގޮތަށް ކަންކަން ނުކުރާށެވެ! ދަރިފުޅު ލިބުނީ ފިރިމީހާގެ ކިބައިން ނަމަވެސް ދަރިފުޅު ލިބުމަށްފަހު ދަރިފުޅުގެ އެއްވެސް ކަމަކާއި ފިރިމީހާގެ އެއްވެސް އަމަލަކާއި ނުގުޅުވާށެވެ! މައިވަންތަކަމުގެ ކުލުނާއި ލޯބި ދަމަހައްޓާށެވެ! 

ދަރިން ލިބުމުން އަނބިމީހާ އަށާއި ދަރިފުޅަށް ނިކަމެތިކަން ދިނުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ޢިއްދައިގައި އިންނައިރު ޚަރަދުކޮށް ބަލަހައްޓަން ޖެހޭނެއެވެ. ދަރިންނަށް ޚަރަދުކުރުމާއި ބެލެހެއްޓުމަކީ އެކުދިން ބޮޑެތިވަންދެން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިކަންކަމަކީ ކޮންމެ ބައްޕައަކާއި ﷲ ތަޢާލާ މަތިކުރައްވަވާފައިވާ ވަރަށް ބޮޑު ވާޖިބެކެވެ. މަސްއޫލިއްޔަތެކެވެ. 

މިވާހަކަ މިގޮތަށް ދައްކާއިރުވެސް ބުނަން ޖެހެނީ ހަމަ 99 އިންސައްތަ މައިންނަކީ ދަރިން ބެލުމުގައި ނަމޫނާ ބައެއް ކަމަށެވެ. ބައެއް މައިން އެމީހުންގެ މުޅި ދިރިއުޅުން ދަރިފުޅަށްޓަކައި ޤުރްބާން ކުރެއެވެ. ނުހަނު ޒުވާން އުމުރުގައި ވަރިކޮށްލުމުން ދެވަނަ ކައިވެންޏެއްވެސް ނުކޮށް ދަރިފުޅުގެ ޙައްޤުގައި މުޅި ހަޔާތް އެބަ ހޭދަކުރެއެވެ. އެއީ އެއްވެސް ޙާލެއްގައި އެމީހުންނަށް ފިރިއެއްގެ އެހީތެރިކަން ބޭނުން ނުވާތީއެއްވެސް ނޫނެވެ. ދަރިފުޅުގެ ބައްޕަ ކަންކަން ކުރި ގޮތުން ދެވަނަ ފިރިހެނަކަށް އިތުބާރުކުރަން ބޭނުން ނުވާތީއެވެ! 

އިސްލާމީ ތޔިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން