ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެމްބަސީ ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ބިން ދޫކޮށްފިއެވެ.
ފޮރިންމިނިސްޓްރީން ބުނެފައިވަނީ ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ޤާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ޤައުމުތަކެއްގައިވެސް އެކަން ކުރާ އުޞޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށް ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ޤާއިމްކުރެވެނީ މާލޭއަކީ މިހާރުވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއިއެކު، ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ގިނަ ޤައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީ ކަމަށް ވެސް ފޮރިންމިނިސްޓްރީން ބުނެފައިވެއެވެ.
'ރެސިޕްރޯސިޓީ' އުޞޫލުން ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރުމުންދާއިރު މިކަމުގެ ސަބަބުން މާލޭގައި ޑިޕްލޮމެޓިކް މިޝަންތަކުގެ ވެހިކަލްތައް ޕާކްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށްވެސް ލުއިކަމެއް ލިބިގެންދާނެއެވެ.
މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ޗައިނާއަށް ވަނީ ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ހަމަޖައްސައިދީފައެވެ.