ހދ. ކުޅުދުއްފުށްޓަށް އުފަން ހަސީނާ ހަސަން (28އ.) ވެސް އުޅެމުން ދިޔައީ ހަމަ އާއްމުކޮށް އެހެން މީހުންވެސް އުލެމުންދިޔަ އާދައިގެ ދިރިއުޅުމެކެވެ. އުމުރުން ތިން އަހަރުގެ ބަލަމުން، ގޭތެރޭގެ ޒިންމާތައް އަދާކުރަމުން، ފިރިމީހާއާއެކު އުޅެމުންދިޔަ އުފާވެރި ދިރިއުޅުން ބަދަލުވީ، ކުއްލިއަކަށް ޖެހުނު ނުރައްކާތެރި ބައްޔެއްގެ ސަބަބުންނެވެ.
ލޭގެ ކެންސަރުގެ ބާވަތެއް ކަމުގައިވާ އެކިއުޓް ޕްރޮމައިލޮސައިޓިކް ލޫކޭމިއާ އަށް ފަރުވާ ކުރަމުންދާ ހަސީނާ، މިވަގުތު ހުރީވެސް އިންޑިއާގެ ކިމްސް ކެންސަރ ސެންޓަރުގައެވެ. އޭނާގެ ހާލަތާއިމެދު "މިއަދުނޫހަށް" ދިން ބަސްދީގަތުމެއްގައި ހަސީނާގެ ފިރިމީހާ އަހްމަދު އަބްދުއްރަހީމް ބުނީ، ހަސީނާއަށް ޖެހިފައިހުރީ ކެންސަރުކަން އެނގުނީވެސް އިންޑިއާއަށް ގޮސް ދެއްކިފަހުން ކަމަށެވެ.

"މިކޮޅަށް އައިފަހުން އެނގުނީވެސް މިއީ ކެންސަރުކަން. އެންމެ ފުރަތަމަ ރާއްޖެއިން އަޅުގަނޑުމެން ދެއްކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް. އެއީ އޯގަސްޓް މަހު. އެހޮސްޕިޓަލުން ބުނީ އެއީ އައިޓީޕީ (އިމުން ތްރޮމްބޮސައިޓޮޕެނިކް ޕާރޕިއުރާ) ކަމަށް. އޭގެ ފަހުން އައިޖީއެމްއެޗް އަށް ފޮނުވާލުމުން އެތަނުން ވެސް ބުނީ އައިޓީޕީ ކަމަށް، އަދި ތިން މަސް ދުވަހަށް ބޭސްދިން އައިޓީޕީ ކަމަށް ޑައިގްނޯޒް ކޮށްފަ. އަދި އަނބުރާ ރަށަށް ފޮނުވާލި. އެކަމަކު އަނެއްކާވެސް އެނބުރި މާލެއަށް އައިން އޯގަސްޓް 26 ގަ، މާބޮޑަށް ހަސީނާގެ ހާލު ދެރަވެގެން. އެފަހަރު ދެއްކީ ޓްރީޓޮޕް ހޮސްޕިޓަލަށް. އެހޮސްޕިޓަލުން ބުނީ އައިޓީޕީ އެއް ނޫނޭ، ޓީޓީޕީ ހެންނޭ ހީވަނީ. އެއިރު ހާލު ވަރަށް ސީރިއަސް. ޓްރީޓޮޕަށް ދެއްކިން ދެ ފަހަރު. ފުރަތަމަ ފަހަރު އައިސީޔޫގަ އެޑްމިތު ކުރި ތިން ހަތަރު ދުވަސް ވަންދެން، ދެވަނަ ފަހަރު 10 ދުވަސް ވަންދެން." ރާއްޖެއިން ހަސީނާއަށް ބޭސްކުރި ގޮތުގެ ތަފްސީލު ކިޔައިދެމުން އޭނާގެ ފިރިމީހާ ބުންޏެވެ.
ހަސީނާއަށް ފަރުވާ ކުރުމަށް އިންޑިއާއަށް ދިޔައީ ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހުއެވެ. ޓްރީޓޮޕްގެ ޑޮކްޓަރުންތަކަކާއެކު އިންޑިއާއަށް ދިޔުމުގެ ކުރިން، އާސަންދަ ހަމަ ޖެހުނު ނަމަވެސް، އާސަންދައިން އެންމެ ފުރަތަމަ ބުނީ ޓްރިވެންޑްރަމްއަށް ދިޔުމަށްފަހު އެމްބިއުލޭންސެއްގައި އަމްރިތާ އަށް ދިޔުމަށެވެ. އެކަމާއި ޓްރީޓޮޕްގެ ޑޮކްޓަރުން ދެކޮޅުހެދިކަމަށާއި އެފަދަ ދިގު ދަތުރެއް ހަސީނާފަދަ ސީރިއަސް ހާލަތެއްގައި އޮތް ބަލިމީހަކު ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމުގައިވެސް އެޑޮކްޓަރުން ބުންޏެވެ. އެހެންކަމުން ކިމްސް އަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދިނެވެ.
އަހުމަދު ބުނި ގޮތުގައި ހަސީނާ އެންމެ ފުރަތަމަ އުޅުނީ ކެއްސާތީއެވެ. އަދި ގައިގެ އެކި ތަންތަންގަނޑު ނޫފައިގެންފައި ވެސް ހުއްޓެވެ. ހަސީނާއަކީ އެކި ކުލިވަރު ކުޅޭ މީހަކަށްވުމުން އެއީ ކުލިވަރަކުން ލިބުނު އަނިޔާއެއް ކަމަށް ބަލައިގެން އެންމެ ފުރަަތަމަ ހުރި ކަމަށް ވެސް އޭނާގެ ފިރިމީހާ އަހުމަދު ބުންޏެވެ.
"މިކޮޅަށް އައިސް ދެއްކުމުން ޑޮކްޓަރުން ބުނި އައިޓީޕީ އެއް އަދި ޓީޓީޕީ ވެސް ނޫންކަމަށް އަދި ކެންސަރައް ޝައްކު ކުރެވޭ ކަމަށް. ނަމަވެސް އެކަން ޔަގީންވީ ބޯންމެރޯ ހެދުމަށްފަހު. ޔަގީން ވުމަށްފަހު ކީމޯ ވެސް ދޭން ފެށި. ޑޮކްޓަރުން ބުނި ހަށިގަނޑު ނޫފައިގަތުމާއި ވަރުބަލިވުމަކީ ވެސް އަސްލުގަ އެބަލީގެ ސަބަބުން ވަމުން އައި ގޮތްތަކެއް ކަމަށް، އެއީ ޕްލޭޓްލެޓް ދަށްވީމަވީ ކަމަށް" އަހުމަދު ކިޔައިދިނެވެ.
ހަސީނާއަށް ހަތަރު ފަހަރު ކީމޯ ދޭ ގޮތަށް ހަމަޖެހިފައިވާއިރު، އެންމެ ފަހު ކީމޯ ދިނުން އިނީ އަންނަ އަހަރުގެ މެއި މަހުގައެވެ. ނަމަވެސް އެނބުރި ރާއްޖެ އާދެވެން އޮތީ ޖޫންމަހުގައި ބަޔޮޕްސީ ހެދުމަށްފަހު ޑޮކްޓަރަށް ދެއްކުމަށްފަހު ޑޯކްޓަރުދޭ ލަފާގެ މަތިންނެވެ.
ރާއްޖެއިން ބޭރުގައި އެހާދިގު މުއްދަތަކަށް ހުންނަން ޖެހުމަކީ ހަމަޔަގީނުން ވެސް ގިނަ ޚަރަދުތަކެއް ދާނެ ކަމެކެވެ. އެހެންކަމުން ހަސީނާއަށް ރަނގަޅު ފަރުވާއެއް ދިނުމުގައި ތިޔަ އެންމެހާ ފަރާތްތަކުގެ ދީލތި އެހީއަކަށް އޭނާއާއި އާއިލާ މިހާރު ވަނީ އިންތިހާއަށް ބޭނުންޖެހިފައެވެ.
ހަސީނާއަށް އެހީތެރިވުމަށް ފައިސާ ޖަމާ ކުރައްވާނީ:
ބީއެމްއެލް ރުފިޔާ އެކައުންޓް: 7706137821101 (އަހްމަދު އަބްދުއްރަހީމް)
ބީއެމްއެލް ޑޮލަރ އެކައުންޓް: 7730000122875 (އަހްމަދު އަބްދުއްރަހީމް)
އިތުރު މައުލޫމާތު ހޯދުމަށް: 7776939 ނަންބަރ ފޯނަށް ވައިބާ ނުވަތަ ވަޓްސްއެޕް ކުރައްވާ، ނުވަތަ +919747205992 ނަންބަރ ފޯނަށް ގުޅާލައްވާ.
