ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުވެފައިވާތީ އަގު މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި ފިޔާގެ އަގު ބޮޑުވެފައިވަނީ މި ސަރަހައްދުގައިވެސް ފިޔާގެ އަގު ބޮޑުވެފައިވާތީކަމަށާއި އެހެންކަމުން ފިޔާގެ އަގު މޮނިޓަރކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ފިޔާ އަގުބޮޑުވުމުގެ މައްސަލައިގައި ދެން އެޅެން އޮތް ފިޔަވަޅަކީ ސަރުކާރުން ފިޔާ ގެނެސް ހެޔޮ އަގުގައި ވިއްކުން ކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އެސްޓީއޯއިން ބުނެފައިވަނީ، ރާއްޖެއިން ބޭރުން ފިޔާ ގެނައުމަކީ އެ ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތެއް ނޫންކަމަށާއި، އެ ކުންފުނިންވެސް މިހާރު ފިޔާ ވިއްކަނީ ހޯލްސޭލްކުރާ ފަރާތްތަކުގެ އަތުން ގަނެގެންކަމަށެވެ. ނަމަވެސް ބާޒާރުގައި ފިޔާގެ އަގު މަތިވެގެންދާ ދަނޑިވަޅުގައި އެސްޓީއޯއިން ބޭރުން ފިޔާގެ ސްޓޮކް ގެނެސްގެން ވިއްކަމުން އަންނަކަމަށާއި ބާޒާރުގައި މިހާރު ފިޔާގެ އަގު މަތިވެގެންއުޅޭތީ މިކަމުގައި އެޅޭނެ ފިޔަވަޅެއް ބަލަމުން އަންނަކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
ބާޒާރުގައި މިހާރު ފިޔާ ކިލޯއެއްގެ އަގު އުޅެނީ 60 ރުފިޔާއާއި 70 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއް 50 ރުފިޔާއަށްވެސް ވިއްކަމުން އެބަދެއެވެ.