އިސްލާމިކް ޔުނިވަރސިޓީން ނަމާދުކުރަން ދަސްކޮށްދިނުމާއިއެކު ރިވެތި ދީނީ އާދަތަށް ސާލިސް ދަރިވަރުން ހޭލުންތެރިކުރުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
އިސްލާމިކް ޔުނިވަރސިޓީން ނަމާދުކުރަން ދަސްކޮށްދިނުމާއިއެކު ރިވެތި ދީނީ އާދަތަށް ސާލިސް ދަރިވަރުން ހޭލުންތެރިކުރުވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ތުއްތުކުދިންނަށް އަމާޒުކޮށްގެން ސްކޫލް ބަންދާއި ދިމާކޮށް ކުރިއަށް ގެންދިއަ "ރިވެތި އާދަ ކޭމްޕް 2019" ވަރަށް ކާމިޔާބުކަމާއިއެކު 10 ޑިސެމްބަރ 2019 ވީ އަންގާރަ ދުވަހު ނިންމާލައިފިއެވެ.

މި ކޭމްޕުގެ ފުރަތަމަ ދުވަހުގެ ހަރަކާތްތައް އަމާޒުކުރެވިފައިވަނީ ބައިވެރިންގެ ހިތްތަކުގައި ދީނީ އަޅުކަންކުރުމަށް ޝައުޤުވެރިކުރުވާ، އަޅުކަން ކުރާނެ ރަނގަޅުގޮތް އެ ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން ދީނީ ރިވެތި އާދަތައް ދަސްކޮށްދެވޭނެ ފަދަ ގޮތްތަކަށެވެ. މި ގޮތުން ބައިވެރިންނަށް އިސްލާމީ ރިވެތި ސަލާމުން ސަލާންކުރަން ދަސްކޮށްދިނުމާއި، ފުރިހަމަގޮތުގައި ވުޟޫކުރަން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ދުޢާތަކާއިއެކު ނަމާދުކުރަން ދަސްކޮށްދެވުނެވެ.

އަދި މި ކޭމްޕުގެ ދެވަނަ ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދެވިފައިވަނީ ޢަރަބި އަކުރުތައް މަޚްރަޖައަށް ކިޔަންދަސްކޮށްދިނުމަށާއި ތަޖުވީދަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާއި ހެނދުނާއި ހަވީރުގެ ޛިކުރުތައް ދަސްކޮށްދިނުމާއި އަދި މީގެ އިތުރުން ކެއުމާއި ބުއިމުގެ ރިވެތި އާދަތަށް ބައިވެރިންނަށް އުނގަންނައި ދެވޭނެ ފަދަ ގޮތަކަށެވެ.

މި ކޭމްޕްގެ ފަހު ދުވަހުގެ ހަރަކާތްތަކުގައި ޢަރަބި އަކުރުން އެކުއްޖެއްގެ އަމިއްލަ ނަން ލިޔަން ދަސްކޮށްދިނުމާއި، ދޮށީ އުމުރުގެ މީހުންނަށް ހެޔޮކޮށްހިތުމަށް ދަސްކޮށްދިނުމާއި، މީގެ އިތުރުން ގޭގެއަށް ޒިޔާރަތްކުރުމުގައި ގެންގުޅެންޖެހޭ ރިވެތި އާދަތައް ބައިވެރިންނަށް ދަސްކޮށްދެވުނެވެ. "ރިވެތި އާދަ ކޭމްޕް 2019" ހަރަކާތްތައް ނިންމާލުމަށްފަހު ހުރިހާ ބައިވެރިންނަށް ކޭމްޕްގައި ބައިވެރިވިކަމުގެ ސެޓްފިކެޓް ހަވާލުކުރެވުނެވެ. މި ސެޓްފިކެޓްތައް ބައިވެރިންނަށް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސްޗާންސެލަރ ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. މި ޕްރޮގްރާމުގައި 6 އަހަރާއި 7 އަހަރާ ދެމެދުގެ ޖުމްލަ 40 ކުދިން ބައިވެރިވިއެވެ.

މި ކޭމްޕްގެ ހަރަކާތްތައް ފެށިފައިވަނީ 08 ޑިސެމްބަރ 2019 ވީ އާދީއްތަ ދުވަހު ޖުމްލަ 40 ދަރިވަރުންނާއެކުއެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސްޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.

މިއީ ތުއްތުކުދިންނަށް އަމާޒުކޮށްގެން ދިރިއުޅުމުގެ ރިވެތި އާދަތައް ދަސްކޮށްދިނުމުގެ ނިޔަތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މިފަދަ ބޮޑު އިވެންޓެއް ކުރިއަށްގެންދިއަ ފުރަތަމަ ފަހަރެވެ. މި ކޭމްޕްގެ ތަޖުރިބާއަށް ބިނާކޮށް ކުރިއަށްއޮތްތަނުގައި މިފަދަ އެތައް އިވެންޓެއް ޔުނިވަރސިޓީ ފެންވަރުގައި އިންޝާ ﷲ ކުރިއަށްގެންދެވޭނެއެވެ.

މިއަދު އޮންލައިން