އެމްޑީއެން މިނާ ނާޅިން ސަލަފް މިނެ އުވާލާ ވާހަކަ ދައްކަނީ މިނިކާވަގު ބަކަރި ކާލަން ބޭނުންވެގެން ދެއްކި ބަހަނާތަކާ އެއްގޮތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
އެމްޑީއެން މިނާ ނާޅިން ސަލަފް މިނެ އުވާލާ ވާހަކަ ދައްކަނީ މިނިކާވަގު ބަކަރި ކާލަން ބޭނުންވެގެން ދެއްކި ބަހަނާތަކާ އެއްގޮތަށް!

ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން ޖަނާބް މިއަދުވެސް ވިދާޅުވީ މަރުކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އާއި އަދި މިހައިތަނަށްވެސް އެއްވެސް ފަރާތަކުން ސުވާލުވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި ސަލަފް ޖަމިއްޔާ އުވާލުމާއިބެހޭ ގޮތުން ދައްކާ ވާހަކަތައް ސިފަކުރެއްވީ ޝައިޚް މުޙައްމަދު ޖަމީލް ދީދީ ލިޔުއްވާގައިވާ ކުޑަކުދިންގެ މަގީޗާގައި އޮންނަ "މިނިކާވަގު ބަކަރި ކައިލަން ބޭނުންވެގެން" ދެއްކި ބަހަނާތައް ފަދަ ވާހަކައެއްގެ ގޮތުގައެވެ. 

"ސަލަފް އުވާލަން ބޭނުންވެއްޖެ ނަމަ އުވާލަންވީ. ނަމަވެސް އަޅުގަނޑު މިދަންނަވަނީ ސަލަފަކުން ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެއޭ. ތުހުމަތެއް އޮތްނަމަ ތަޙްޤީޤް ކުރައްވާށޭ. މިއީ ސަލަފް އުވާލަން ބޭނުންވެގެން އެކަނި ދައްކާ ވާހަކައެއް ނޫން. ބޭނުންވަނީ އިސްލާމް ދީނަށް ޚިދުމަތްކުރާ ޖަމިއްޔާތައް އުވާލަން. އެކަމަށް ދީނީ ޢިލްމުވެރިން ކުރައްވާ މަސައްކަތަށް ހުރަސް އަޅަން." ކަމަށްވެސް ޝއިޚް ވިދާޅުވިއެވެ. 

އެމްޑީއެން ކިޔާ ޖަމިއްޔާއަކުން ލާދީނީ ޖަމިއްޔާއެއްގެ ފައިސާ ބޭނުންކޮށްގެން ނެރުނު ރިޕޯޓުގައި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފް މައްސަލަތަކެއް ހުރިކަން ފުލުހުންގެ ތަޙްޤީޤަށް ވަނީ ސާބިތުވެފައެވެ. ނަމަވެސް މަރުކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން އެރިޕޯޓާއި ސަލަފާއި އެއްވެސް ގުޅުމެއް ހުރިކަން ފުލުހުން ތަޙްޤީޤް ކުރިކަން އަދި މިހައިތަނަށް އެނގިފައެއް ނުވެއެވެ. 

ސަލަފުން ވަނީ މީޑިއާތަކަށް ޢާންމުކޮށް ހުޅުވާލައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާ އާއިމެދު އެއްވެސް ތުހުމަތެއް ކުރާނަމަ ޖަވާބުދާރީ ކުރުވަން ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކުގެ ކިބައިން އެދިފައެވެ. އަދި ރާއްޖޭގެ ޤާނޫނާށއި ޚިލާފް އެއްވެސް ކަމެއް އެ ޖަމިއްޔާއިން ކޮށްފައި ނުވާނެ ކަމުގެ ޔަޤީންކަންވެސް ވަނީ ދީފައެވެ.  

އެހެންކަމަށްވާއިރު ޤާނޫނާއި ޚިލާފްވެފައިވާ އެމްޑީއެން އާއިމެދު ފިޔަވަޅު އެޅުމާއި ސަލަފާއިމެދު ފިޔަވަޅު އެޅުން "އެއް ނާޅިން ރައީސް ނަޝީދު" މިނުއްވާ ސަބަބާއިމެދު މިވަނީ ސުވާލު އުފެދިފައެވެ. ދޮގު ހެދުން މާތް ﷲ ޙަރާމް ކުރައްވަވާފައިވީ ނަމަވެސް ޢާންމުކޮށް ދޮގުހެދުން އަމިއްލައަށް ހުއްދަ ކޮށްގެން އުޅޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބުނާ ބުނުމަކަށް ފިޔަވަޅު އަޅަން ޖެހޭނަމަ ކުރަން ޖެހޭ ކަންކަން ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. 

މަރުކޮމިޝަނުގެ ރިޕޯޓުގައި ސަލަފާއި ގުޅުވާފައިވާ އެއްވެސް މީހަކީ އެއްވެސް އިރެއްގައި އެޖަމިއްޔާގެ މެންބަރެއް ނޫންކަން ސަލަފުން ވަނީ ޔަޤީންކޮށްދީފައެވެ. ވީމާ އެރިޕޯޓުގައި ސަލަފުގެ ނަން ބޭނުންކޮށްފައި އެވަނީ ކިހިނަކުންކަމާއިމެދު މިހާރުވަނީ ބޮޑެތި ސުވާލުތައް އުފެދިފައެވެ. 

"ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރާނަން" ކަމަށްބުނުމަށްފަހު ފަހަތުން ވިއްދައިގެން ހަރުކަށި ފިކުރުގެ ވާހަކަ ދައްކައި އިސްލާމް ދީނާއި ހަރުކަށި ފިކުރާއި ގުޅުވާފަދައިން ޤާނޫނީ ގޮތުން ކުށްކުރިކަން ސާބިތުވެފައިވާ އެމްޑީއެން އުވާލުމާއި ސަލަފް އުވާލުމުގެ ވާހަކަ ގުޅުވަނީ ހީލަތްތެރި ރޭވުމަކުންކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.

މިއަދު އޮންލައިން