ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލްތައް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވާނީ މިހާރުވެސް އެކަމުގައި އަމަލުކުރަމުން ގެންދާ އުޞޫލުން ސަރުކާރުން ކަމަށް ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޫދު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ބިލްތައް ޑްރާﷲްޓް ކުރައްވަމުން ގެންދަވާނީ މިހާރުވެސް އެކަމުގައި އަމަލުކުރައްވަމުން ގެންދަވާ އުޞޫލުން ދައުލަތުގެ ބަންޑާރަ ނައިބް ކަމަށެވެ. އަދި އެ މަސައްކަތް ކޮށްދިނުމަށް އެހެން ފަރާތެއްގައި ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ.
ސަރުކާރުން މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު ރައްޔިތުން މަޖިލީހުގެ ގާނޫނީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވެފައި ވަނީ ސަރުކާރުން ފޮނުވަންޖެހޭ ބިލުތަކުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ ބިލްތައް ޑްރާފްޓު ކުރުމުގެ މަސައްކަތް މަޖިލިސް ތެރެއިން ފެށީ އަވަސްކުރުމަށް ކަމަށެވެ.
ސަރުކާރުން މިހާރުވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި 34 ބިލެއް މަޖިލީހަށް ހުށަހަޅަން ނިންމައިފައެވެ. އަދި އެއީ ކޮން ބިލްތަކެއްކަން ބަންޑާރަ ނައިބު އޮފީހުން ވަނީ އާންމުކޮށް އިއުލާނުކޮށް އެކަން މަޖިލީހަށްވެސް އަނގައިފައެވެ. އެހެންކަމާއިއެކުވެސް މަޖިލީހުގެ ކޮމިޓީތަކުން އިއްޔެ ވަނީ އެއިގެ ތެރެއިން ބައެއް ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށައިފައެވެ.