ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މަތީ ތަޢުލީމުގެ ދާއިރާއަށް 2.6 ބިލިޔަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާ ކަމަށާއި، މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތައް ތަރައްޤީކޮށް ބިނާކުރުމަށްވެސް ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ލޯނު ނުވަތަ ސްކޮލަޝިޕް ފުރުޞަތުތަކުގައި މިހާރުވެސް 1100 ދަރިވަރުން ދުނިޔޭގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ އެއްވެސް ކުއްޖަކު ބާކީނުކުރުން ކަމަށް ފާހަގަކުރައްވައި، ޝަރުތު ހަމަވާނަމަ ސަރުކާރުގެ ލޯނަށް އެދޭ ކޮންމެ ދަރިވަރަކަށްވެސް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ލޯނު ދޫކޮށްދެއްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ސާނަވީ ތަޢުލީމުން މަތީ ސާނަވީއަށް ދާ ދަރިވަރުންގެ ނިސްބަތަށް އައިސްފައިވާ ކުރިއެރުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު އޯލެވެލްއިން އޭލެވެލްއަށް ބަދަލުވާ ކުދިންގެ ނިސްބަތަކީ އެންމެ 37 އިންސައްތަ ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މިދިޔަ ތިން އަހަރުގެ ތެރޭގައި އެ އަދަދު 46 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސައްކަތްތެރިކަމާއި ފަންނީ ތަޢުލީމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ ކުރިން އެއްވެސް ސަރުކާރަކުން ޢަމަލީ ސިފައެއް ގެނެސްފައިނުވާ ވޮކޭޝަނަލް ސްކޫލެއް އުފައްދަވާފައިވަނީ މި ސަރުކާރުން ކަމަށެވެ. އަދި އެ ވޮކޭޝަނަލް ސްކޫލު މެދުވެރިކޮށް އެކި ދާއިރާތަކުން ހުނަރުވެރި، މަސައްކަތްތެރި ޒުވާނުން ތަޢުލީމާއި ތަމްރީނު ޙާޞިލުކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.