ފަންނީ، ފިކުރީ އަދި އަޚުލާޤީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: މަޖިލީހުގެ ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފަންނީ، ފިކުރީ އަދި އަޚުލާޤީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: މަޖިލީހުގެ ރައީސް

ފަންނީ ގޮތުންނާއި، ފިކުރީ ގޮތުންނާއި އަދި އަޚުލާޤީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސްދޭ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ޤައުމު ބިނާކުރުމުގެ މުޅި ތަޞައްވުރު ބައްޓަންކޮށްފައިވަނީ ޢުމްރާނީ ތަރައްޤީއާ އެއް ހަމައެއްގައި އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، އިންސާނީ ޤާބިލިއްޔަތު އިތުރުކުރެވޭނެ ގޮތުގެ މައްޗަށް ކަމަށެވެ. އެގޮތުން، ހަމައެކަނި ބިނާރާ ގުޅުންހުރި މަޝްރޫޢުތަކެއް ހިންގުމުގެ ބަދަލުގައި ރައްޔިތުންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަނީ މި ސަރުކާރުން ކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

މި ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ މިސާލެއްގެ ގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ، ޒުވާނުން ބިނާކުރުމަށް ސަރުކާރުން އިސްނަގައިގެން ފަށާފައިވާ 'ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް' އަށެވެ. ޢަބްދުއްރަޙީމް ވިދާޅުވީ، މާދަމާ ޤައުމާ ޙަވާލުވާން ތިބި ޒުވާނުންނަކީ ޒިންމާދާރު، ހަރުދަނާ އަދި ޤައުމިއްޔަތުގެ މަތިވެރި ރޫޙު އަށަގެންފައިވާ ބަޔަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަކީ ތާރީޚީ މުހިންމު މަސައްކަތްޕުޅުތަކެއް ކަމަށެވެ.

މީގެ އިތުރުން، ޤައުމުގެ ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި އިޖުތިމާޢީ މިންގަނޑުތައް ހިފެހެއްޓުމާއި، ދިވެހިންގެ މެދުގައި އޮތް އެކަކު އަނެކަކަށް ކަމޭހިތުމާއި، އަޚުލާޤީ ރިވެތި އުޞޫލުތައް ދެމެހެއްޓުމަކީ ވެސް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން