ޙަޤީޤީ ކުރިއެރުމަކީ ކުދިންގެ ވިސްނުމަށް އިޙްތިރާމްކޮށް، އެކުދިން ބާރުވެރިކުރުވުން: ރައީސް މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ޙަޤީޤީ ކުރިއެރުމަކީ ކުދިންގެ ވިސްނުމަށް އިޙްތިރާމްކޮށް، އެކުދިން ބާރުވެރިކުރުވުން: ރައީސް މުޢިއްޒު

ޙަޤީޤީ ކުރިއެރުމަކީ ހަމައެކަނި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ސިޔާސަތުތަކެއް އެކުލަވާލުން ނޫން ކަމަށާއި، އެކުދިންގެ އިޙްސާސްތަކާއި ތަޖުރިބާތަކުގެ އަޑުއަހައި، އެކުދިންގެ ވިސްނުމަށް އިޙްތިރާމްކޮށް، މުސްތަޤުބަލު ބިނާކުރުމުގައި ކުދިން ބާރުވެރިކުރުވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖުގައި ރައީސް ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެކުދިންގެ ދިރިއުޅުމާ ގުޅުންހުރި ކަންކަމުގައި ނިންމާ ނިންމުންތަކުގައި ކުދިންގެ ބައިވެރިވުމާއި އަޑު އިއްވުމުގެ ފުރުޞަތު ކަށަވަރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރު ކަމަށްވާ "މައި ޑޭ، މައި ރައިޓްސް، މައި ފިއުޗަރ" އަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ކުޑަކުދިން ތަފާތު އަނިޔާތަކުން ރައްކާތެރިކުރުން ހަރުދަނާކުރުމާއި، ޢާއިލީ މާޙައުލުގައި ކުދިން ބަލާބޮޑުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދެމުންނެވެ. އަދި ޞިއްޙީ ޚިދުމަތްތަކާއި، ޝާމިލުކުރުމުގެ ތަޢުލީމީ ނިޒާމާއި، ތެރަޕީގެ ޚިދުމަތްތަކުގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަމާއި ރިހެބިލިޓޭޝަން ޚިދުމަތްތައް ފުޅާކޮށް، ކުދިންގެ ތަރައްޤީގެ ކޮންމެ މަރުޙަލާއަކަށް ބޭނުންވާ ސިޔާސަތުތައް ރާއްޖެއިން ކުރިއަށްނެރޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ އާ ގޮންޖެހުންތަކާއި ނުރައްކާތަކުން ރައްކާތެރިކުރުމުގެ ގޮތުން ދުންފަތް ކޮންޓްރޯލްކުރުމަށް ގެނެވުނު އިޞްލާޙުތަކާއި، ޑިޖިޓަލް މާޙައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ފިޔަވަޅުތަކަކީވެސް މި ދާއިރާއަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަންކަން ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ކުޑަކުދިން އެދޭފަދަ އުފާވެރި މުސްތަޤުބަލެއް ބިނާކުރުމަށް ބޭނުންވާ އެންމެހައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުވެ ދެމިތިބުމުގެ ޢަޒުމް އައުކުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ ގޮވާލައްވާފައެވެ.

މިއަދު އޮންލައިން