ހިޔާވަހި ފައިނޭންސިންގ ސްކީމުން ޝަރުޠު ހަމަވި 840 މީހަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހިޔާވަހި ފައިނޭންސިންގ ސްކީމުން ޝަރުޠު ހަމަވި 840 މީހަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ފަށައިފި

އަމިއްލަ ބިންތަކުގައި ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި "ހިޔާވަހި" ފައިނޭންސިންގ ސްކީމަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުޠު ހަމަވި 840 ފަރާތަކަށް ޖުމްލަ 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށްޓަކައި ބޭންކުތަކަށް ފޮނުވައި، ފައިސާ ދޫކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އިސްލާމިކް ފައިނޭންސިންގ އުޞޫލުން ކުރިއަށްގެންދާ މި ސްކީމަށް ޖުމްލަ 2,256 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރެއިން ޝަރުޠު ހަމަވެގެން ފައިސާ ދޫކުރުމުގެ މަރުޙަލާގައިވާ 840 ފަރާތުގެ ތެރޭގައި ހިމެނެނީ ފަހިމާލެ ކެޓަގަރީން 40 ފަރާތަކާއި، ސަހަރު ކެޓަގަރީން 438 ފަރާތެއްގެ އިތުރުން ރަށްވެހި ކެޓަގަރީން 362 ފަރާތެކެވެ.

މި ސްކީމުގެ ދަށުން މިހާތަނަށް 245 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާޢީ މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކޮށްދިނުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، ބޭންކުތައް މެދުވެރިކޮށް ގެދޮރު އެޅުމަށް ނަގާ ލޯނުތަކުގެ އިކުއިޓީ 20 އިންސައްތައިން 5 އިންސައްތައަށް ކުޑަކޮށްދެއްވައި، އަނބުރާ ދައްކަން ނުޖެހޭގޮތަށް ސަރުކާރުން ހިލޭ އިކުއިޓީ ދޭ ޚާއްޞަ ސްކީމެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ.

ފަސް އަހަރުގެ މި ދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ ކޮންމެވެސް އެއް ސްކީމަކުން ގެދޮރުވެރިކަން ކަށަވަރުނުވާ އެއްވެސް ރައްޔިތަކު ނުހުންނާނެކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ.

މިއަދު އޮންލައިން