އިސްލާމް ދީނުގެ ކަންކަމުގައި ދީނުގެ ޢިލްމް ނެތް މީހުން ބަސްބުނެ ފަތުވާތައް ނުނެރުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ޢަލީ އިލްތިމާސް ކުރައްވައިފި އެވެ.
ޑރ. އަޙްމަދު ޒާހިރު މިއަދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އަދި ވަރަށް ގިނަ މައްސަލަތައްވެސް އެބަހުރި ކަމަށެވެ. އަދި މިސަރުކާރަކީ އެފަދަ ކަންތައްތައް ބަލައިގަންނާނެ ސަރުކާރެއް ނޫން ކަމަށާއި އެކަމުގެ މައްސަލަ ކަމާއި ބެހޭ ފަރާތްތަކުން މިހާރު ގެންދަނީ ބަލަމުން ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް ނުއަޅައި ދޫކޮށް ނުލާނެ ކަމަށެވެ.
ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ މިފަދަ މައްސަލަތަކާއި ގުޅިގެން އިސްލާމް ދީނުގެ ޢިލްމް ނެތް މީހުން، ހަރުކަށި ބަސްތައް ބުނުން ފަދަ ކަންކަން ކުރުމުން މައްސަލަ ވާނީ އިތުރަށް ގޯސްވަމުން ކަމަށްވުމުން އެފަދަ ކަންކަން ވެސް ސަރުކާރުން ބަލައި ނުގަންނާނެ ކަމަށެވެ.
ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އިސްލާމް ދީނުގެ ދިފާޢުގައި ގިނަ އަދަދަދެއްގެ ދީނީ ޢިލްމުވެރިން ގެންދަވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެބޭކަލުންނަށް ވަރަށް ވަރުގަދަ އިންޒާރުތައްވެސް ގެންދަނީ ދެމުންނެވެ. އެހެންކަމާއިއެކު ވެސް އިސްލާމް ދީނުގައި ކަން އޮތް ގޮތް ބަޔާންކޮށދެއްވުން ފިޔަވައި އެއްވެސް ޢިލްމުވެރިއަކު ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.
ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ މިއީ އިސްލާމް ދީނާއި އަދި ރާއްޖޭގެ ޤާނޫނު އަސާސީ އާއި މުޅިން ޚިލާފަށް ބައަކު ޤަޞްދުގައި ކޮށްފައިވާ ކަމަކަށްވުމުން އެ ކަމުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ޖެހޭ މީހުންނާއިމެދު ވީހައި އަވަހަކަށް ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.