ޓީ ޖެޓީ ސަރަޙައްދުގައި އިއްޔެ ހަވީރު އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޒިޔާރަތްކުރައްވައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ފަރާތްތަކާ ބައްދަލުކުރައްވައި އެފަރާތްތަކުގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެސަރަޙައްދަށް ރައީސް އިބްރާހީމް މުޙައްމަދު ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މިފަދަ ހާދިސާތައް ކުރިމަތިވިއަ ނުދިނުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާކަމަށާއި ނަމަވެސް މިފަދަ ހާދިސާތައް ކުރިމަތިވިއަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހަވީރު ވަނީ، މި ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ފަރާތްތަކުގެ ހާލު ބައްލަވާލެއްވުމަށް އެ ހޮސްޕިޓަލަށް ވެސް ޒިޔާރަތްކުރައްވައިފައެވެ.
މި ހާދިސާ ހިނގާފައި ވަނީ ޓީޖެޓީ ސަރަޙައްދުގައި އޮތް ލޯންޗަކާއި ތެޔޮ ބައުޒަރުތަކެއްގައި ރޯވެގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އަލިފާން ރޯވަން ދިމާވީ މީހަކު އެއްލި ސިގިރެޓް ބުރިއެއްގެ ސަބަބުންނެވެ.