ތިމާ އެދޭ ގޮތަށް ހަޔާތުގެ ބައިވެރިޔާ ބަދަލުނުވުމުން އާޚިރަތް ނަގާލުމަކީ މީހަކަށް ލިބިގަނެވޭނެ އެންމެ ބޮޑު ދެރަ! އެންމެ ބޮޑު ނިކަމެތިކަން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 19ސ
ތިމާ އެދޭ ގޮތަށް ހަޔާތުގެ ބައިވެރިޔާ ބަދަލުނުވުމުން އާޚިރަތް ނަގާލުމަކީ މީހަކަށް ލިބިގަނެވޭނެ އެންމެ ބޮޑު ދެރަ! އެންމެ ބޮޑު ނިކަމެތިކަން!

ތިމާ އެންމެ އެދޭ ގޮތަށް ހަޔާތުގެ ބައިވެރިޔާ ބަދަލުނުވުމަކީ ކައިވެނި ރޫޅައިލަން ޖެހޭ ސަބަބެއް ކަމަށް ނުހަދާށެވެ! ސަބަބުގައި ހިފައި މަސައްކަތްކުރަމުން ދުޢާކުރުންމަތީގައި ދެމިހުންނާށެވެ! އެދޭ ގޮތަށް ކަންކަން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ.  ނަމަވެސް ވިސްނައިލަން ޖެހޭނެ ކަމެއް އެބަ އޮތެވެ! އެއީ ޚުދު ތިމާ އަމިއްލައަށް ކުރަން ބޭނުންވާކަންކަންވެސް ތިމާ އެންމެ ބޭނުންވާ ގޮތަށް ނުކުރެވިދާކަމެވެ. ކުރާ މަސައްކަތް ތަކުރާރުވެސް ކުރަން ޖެހޭ ކަމެވެ. 

ވީމާ ޙަޔާތުގެ ބައިވެރިޔާގެ ކިބައިން ތިމާ އެދޭ ހުރިހާ ކަންކަން އެންމެ ފުރިހަމައަށް ޙާޞިލު ނުކުރެވިދާނެކަން އަބަދުވެސް ޤަބޫލުކުރަންވާނެއެވެ. ކިރިޔާވެސް "މެނޭޖް ކުރެވޭ ޙާލަތުގައި" ކަންކަން ހުރި ނަމަ ކައިވެނި ރޫޅާލުމަށް ނުވިސްނާށެވެ! އެހެނީ އެއީ އެންމެ ފަހު ގޮތެވެ! 

އެމީހާ އެދޭ ކަންތައް ﷲ ތަޢާލާ ޙާޞިލުކޮށްދެއްވަވާނެ ކަމުގެ އުންމީދު ކަނޑާނުލައި މަސައްކަތްކުރަމުން ގެންދާ މީހާއަށް ނިޢްމަތްތައް ލިބެން ފަށާ ގޮތް ނުވެސް އެނގޭނެއެވެ. ފެންނާނީ ވަށައިގެންނާއި މަތިން އަދި އަޑިން އެމީހަކަށް ނިޢްމަތްތައް ލިބެން ފަށާތަނެވެ. 

އެއްވެސް މީހަކީ އެއްވެސް ކަމެއް ޙާޞިލު ނުކުރެވޭނެ މީހެއްގެ ގޮތުގައި ދުނިޔެއަށް ފޮނުއްވަވާފައިވާ މީހެއް ނޫނެވެ. އޮތީ އެކަމެއް ޙާޞިލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުންމަޓީގައި ދެމިހުރުމެވެ. އެގޮތުގައި ދެމިހުންނަ މީހަކަށް ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. 

މި ނަޞޭޙަތަކީ ތަކުރާރުކޮށް ދެވެމުންދާ ނަޞޭޙަތެކެވެ. ނަޞޭޙަތް ގިނަގިނައިން ތަކުރާރުކުރަން ޖެހެނީ ގިނަ ބައަކު ކުޑަ ދުވަސްކޮޅަކު ކަންކަމަށް އެދި މަސައްކަތް ކުރުމަށްފަހު މާޔޫސްވެ އުންމީދު ކަނޑައިލާތީއެވެ. އަދި އެހާލަތުގައި އަޅުކަން ކުރުމާއި ވެސް ދުރަށް ޖެހެވޭތީއެވެ. އެގޮތަށް ކަންތައް އެކުރެވެނީ އެއްވެސް ދެވަނަ ސަބަބެއް އޮވެގެނެއް ނޫނެވެ. ޝައިޠާނާގެ ބަހަށް ހެއްލެވޭތީއެވެ.  

ތިމާ އެންމެ އެދޭ ގޮތަށް ޙަޔާތުގެ ބައިވެރިޔާގެ ކަންކަން ބަދަލުނުވުމުން ލިބޭ މާޔޫސްކަމުގައި އާޚިރަތް ނަގައިލާ މީހުންވެސް އެބަ އުޅެއެވެ. އެއީ މީހަކަށް ކުރެވޭނެ އެންމެ މޮޔަ ކަންތަކެވެ. އަދި އެންމެ ގެއްލުންހުރި ކަންތައްވެސް މެއެވެ. ވީމާ ކިތަންމެ ގިނަ ބައަކު ވަސްވާސް ދިން ނަމަވެސް އާޚިރަތް ގެއްލޭނެ އެއްވެސް ކަމެއް ނުކުރާށެވެ! ކެތްތެރިވާށެވެ! އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ފެންނާނެއެވެ! 

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން އިމްތިހާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު،، ކަލޭގެފާނު ދެއްވާށެވެ!" (ބަޤަރާ: 155) 

ވީމާ އެމީހަކު އިމްތިޙާން ކުރެއްވެވުމަށްޓަކައި އެމީހަކަށް މަދުކުރައްވަވާނީ ކޮން ނިޢްމަތެއްކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ކެތްތެރިވެއްޖެ ނަމަ އޮތީ އުފާވެރިކަމުގެ ޚަބަރެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން