އިސްލާމް ދިން މަތިވެރިކުރަން މަސައްކަތްކުރަން ފެށުމުން ގޮންޖެހުންތައް ކުރިމަތިކުރުވާނެއެވެ. މަލާމާތާއި ފުރައްސާރަތައްވެސް ކުރުވާނެއެވެ. ތަފާތު ދޮގު އިލްޒާމްތައްވެސް އަޅުވާނެއެވެ. ފާޑުފާޑުގެ ލިސްޓުތަކުގައި ލިސްޓްވެސް ކުރާނެއެވެ. މިކަންކަމަކީ ޔަޤީން ކަންކަމެވެ.
މިއީ އަލަށް ދުނިޔޭގައި ހިނގާ ކަންކަމެވެ. ރަސޫލް (ޞޢވ) މީސްތަކުންނަށް އިސްލާމް ދީނަށް ގޮވާލައްވަން ފެށްޓެވި ދުވަހުން ފެށިގެން މިކަންކަން އަންނަނީ ހިނގަމުންނެވެ. އަދި ހަމަ އެފަދައިން އެއިގެ ކުރީގެ ނަބީ ބޭކަލުންނާއި ރަސޫލް ބޭކަލުންނަށްވެސް އެކަންކަން ހަމަ އެގޮތަށް ކުރިމަތިވެވަޑައިގެންނެވިއެވެ.
މުސްލިމުން ކިޔައި ހިތްވަރު ލިބިގަންނަންވީ މިއާޔަތުންނެވެ.
"ތިއަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިއަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބައަކީ ތިއަބައިމީހުންނެވެ. (އެއީ) ތިއަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ." (އާލްޢިމްރާން: 139)
މިފަދަ އެތައް އާޔަތެއްގެ ތެރެއިން މި އާޔަތް މިހާމަކުރީ ޚާއްޞަ ބޭނުމަކުއެވެ. އެއީ އިސްލާމް ދީން މަތުވެރިކުރަން ކުރިމަތިލައި މަސައްކަތް ކުރަމުން ގެންދާއިރު އެމީހާއަކީ ފުރިހަމަ މުއްމިނަކަށް ވާންޖެހޭނެ ކަމެވެ. މާނައަކީ އެމީހަކީ ކީރިތި ޤުރްއާނަށް ފުރިހަމައަށް އަމަލުކުރާ މީހަކަށް ވާންޖެހޭނެ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން