ދެމަފިރިންގެ ނަމަވެސް މައްސަލަތައް އަމިއްލައަށް ހައްލުކުރުމަކީ ސުންނަތް ނަމާދާއި ސުންނަތް ރޯދައަށްވުރެ ފައިދާހުރި ކަމެއް!: މުފްތީ މެންކް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ދެމަފިރިންގެ ނަމަވެސް މައްސަލަތައް އަމިއްލައަށް ހައްލުކުރުމަކީ ސުންނަތް ނަމާދާއި ސުންނަތް ރޯދައަށްވުރެ ފައިދާހުރި ކަމެއް!: މުފްތީ މެންކް

އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ ވީހައި އަވަހަކަށް އެކަމަށް މަޝްވަރާކޮށް ޙައްލު ކުރުމެވެ. ލަސްކުރިވަރަކަށް މައްސލަ ދާނީ އިތުރަށް ބޮޑުވަމުންނެވެ. ފުފެމުންނެވެ. އުމަގުވަމުންނެވެ. ކެންސަރަށް ބަދަލުވަމުންނެވެ. އެންމެ ފަހުން ކަންކަން ދާނީ ޙައްލެއް އަދި ޝިފާއެއް ނެތް މިނަށް ބޮޑުވެގެންނެވެ. 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މައްސަލަތައް އަމިއްލައަށް ޙައްލުކުރުމަކީ ސުންނަތް ނަމާދާއި ސުންނަތް ރޯދައަށްވުރެ ފައިދާހުރި ކަމެއް ކަމަށެވެ. ވީމާ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް ބޮޑުނުކޮށް އަވަސް އަވަހަށް އަމިއްލައަށް ޙަލުކޮށްލައި އެކަމުން ލިބެންހުރި މަތިވެރި ސަވާބު ލިބިގަންނާށެވެ. 

ހަމައެކަނި ދެމަފިރިންގެ މައްސަލަތަކެއް ނޫނެވެ. ޢާއިލާގެ އެންމެންގެ މައްސަލަތަކާއި ދުރު މީހުންގެ މައްސަލަތައްވެސް ވީހައި އަވަހަކަށް މަޝްވަރާކޮށް ޙައްލުކުރާށެވެ. މެދުވެރިއަކު ބައިވެރިކޮށްގެން ޙައްލުކުރަން ޖެހޭ މައްސަލަތައް މެދުވެރިއަކު ބައިވެރިކޮށްގެންވެސް ޙައްލުކުރުން އަވަސްކުރާށެވެ! ފިތުނައަކަށް އެއްވެސް ކަމެއް ވިއަ ނިދޭށެވެ! ﷲ ތަޢާލާ ރުހިިވޮޑިގަންނަވާ ގޮތަކީ އެއީއެވެ. 

މައްސަލަތައް ހައްލު ނުކުރުމަކީ އެކަމުގެ ފިތުނަ ދަރިފަސްކޮޅަށް ވާރުތަވެގެންދާ ކަމެކެވެ. ދެބެއިންގެ މެދުގައި ޖެހޭ މައްސަލަތައް ދެބެއިން ޙައްލު ނުކުރުމުން އެކަން ދެބެއިންގެ ދަރިންނާއި ހަމައަށް ވާރުތަކުރެއެވެ. މައްސަލަ ހައްލުކުރެވެންދެން ދާނީ ވާރުތަވަމުންނެވެ. ދެބެއިންގެ ދަރިންނާއި ހަމައަށް ހިނގައްޖެނަމަ މައްސަލަ ވާނީ އިތުރަށް ގޯހެވެ. އުފެދޭ ފިތުނަ މާބޮޑުވާނެއެވެ. ވީމާ ކޮންމެ މައްސަލައެއްވެސް ވީހައި އަވަހަކަށް ޙައްލުކޮށް އެކަމުގެ ފައިދާ ލިބިގަންނާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން