ވަޒީފާއި ނުލިބިފައިވާ ދިވެހިންނަށް ވަޒީފާ ހޯދައި ދިނުމުގެ ގޮތުން ޤާއިމް ކުރާ ޖޮބް ސެންޓަރު އޮކްޓޫބަރުގެ ނިޔަލަށް ޤާއިމް ކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ، މިހާރު ހުޅުމާލެ ފޭސް 2 އާއި އެއްކޮށްލާފައިވާ ކުރީގެ ރިޒޯޓެއް ކަމުގައިވާ ކްލަބް މެޑް ފަރުކޮޅުފުށީގައި ފަތުރުވެރިކަމާއި ބެހޭ ޖޮބްފެއާ ފެށުމަށް، ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ފައްޔާޒްގެ ވާހަކަފުޅުގައި ވިދާޅުވީ ޖޮބް ސެންޓަރު ޤާއިމްވުމަށްފަހުގައި، ދިވެހިރާއްޖޭގައި، ވަޒީފާ އަދާކުރަން ބޭނުންވާ، ހުރިހާ ފަރާތްތަކުން އޭގައި ރަޖިސްޓްރީވުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އަދި ވަޒީފާ އަދާކުރަން ބޭނުންވާ ބަޔަކު ތިބިކަމުގައި ބަލާނީ، އެ ޕޯޓަލްގައި ރަޖިސްޓްރީ ވުމުން ކަމަށެވެ.
މިއީ އިންޓަރނެޓު މެދުވެރިކޮށް ކޮންމެ ތަނެއްގައި، ކޮންމެ ބޭފުޅަކަށްވެސް ވަދެވޭނެ ގޮތަށް ޤާއިމް ކުރެވޭ ވެބްސައިޓެކެވެ.