ސަޢޫދީއަށް ދާ ދިވެހީންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމާ ބެހޭގޮތުން ސައުދީ ޚާރިޖީ ވަޒީރާ ރައީސް ޞާލިޙް މަޝްވަރާ ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ސަޢޫދީއަށް ދާ ދިވެހީންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމާ ބެހޭގޮތުން ސައުދީ ޚާރިޖީ ވަޒީރާ ރައީސް ޞާލިޙް މަޝްވަރާ ކުރައްވައިފި

ސައުދިޢަރަބިޔާގެ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމާއި، ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޑޮކްޓަރ އިބްރާހީމް ބިން ޢަބްދުލްޢަޒީޒް އާލް-އައްސާފާއި މަޝްވަރާ ކުރައްވައިފިއެވެ.  

ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޑޮކްޓަރ އިބްރާހީމް ބިން ޢަބްދުލްޢަޒީޒް އާލް-އައްސާފާއި އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވާފައިވަނީ އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައެވެ 

ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރުގެ މިބައްދަލުކޮށްލެއްވުމުގައި ވަނީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުން ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ދެބޭފުޅުން ވަނީ ރާއްޖޭގެ ޢުމްރާނީ، އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ވިޔަފާރިޔާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. 

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާދާއި ޖިއްދާއާއި މާލެއާއި ދެމެދު ޤާއިމްކޮށްފައިވާ ސީދާ ވައިގެ ގުޅުންތަކަށް އަލިއަޅުއްވާލައްވައި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން، އަދި ޚާއްޞަކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ވަނީ ދެޤައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން ފާހަގަކުރައްވައި ކުރިޔަށް އޮތް ދުވަސްތަކުގައި އެކި ދާއިރާތަކުން މިގުޅުން ބަދަހިވާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ. 

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާއާއި، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

 

މިއަދު އޮންލައިން