ތިމާވެށީގެ ދިރުންތަކަށް ހޭހަންކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކާ ކޮންމެ ފަރުދެއްގެ ޤައުމީ ވާޖިބެއް: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ތިމާވެށީގެ ދިރުންތަކަށް ހޭހަންކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކާ ކޮންމެ ފަރުދެއްގެ ޤައުމީ ވާޖިބެއް: ރައީސް ޞާލިޙް

ދިވެހި ފަތުރުވެރިކަމުގެ ނާރެހަކީ، މިޖަޒީރާތަކުގެ ޠަބީޢީ ރީތިކަމާއި ޤުދުރަތީ މުއްސަނދިކަންކަމަށާއި، ތިމާވެށި ޙިމާޔަތްކޮށް، ތިމާވެށީގެ ދިރުންތަކަށް ހޭހަންކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، ދިވެހި ފަތުރުވެރިކަމުގެ ޞިނާޢަތުގައި އިންވެސްޓްކުރައްވާފައިވާ ވިޔަފާރިވެރިންނަށާއި، އަދި ދިވެހި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އެންމެހައި މުވައްޒަފުންނަށް ވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ފަތުރުވެރިކަމުގެ ޞިނާޢަތާ މެދު، ޢާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މި ޞިނާޢަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ، އެކަންކަން ޙައްލުކުރާނެ ގޮތްތަކާމެދު، ބައިނަލްއަޤްވާމީ މުޖްތަމަޢު ގުޅިގެން މަސައްކަތް ކުރުމަށްކަމުގައި ވިދާޅުވެފައިވެއެވެ. 

މީގެ އިރުތުން ވެސް އެމަނިކުފާނު ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއްގެ ތަރަހައަކީ، ހަމަޖެހުމާއި ޞުލްހަ މަސަލަސްކަންކަމުގައި ވިދާޅުވެ، މިޖަޒީރާ ރަށްތަކުގައި ފަތުރުވެރިކަން އާލާވުމުގެ މައިގަނޑު ސަބަބަކީ ވެސް، ދުނިޔޭގެ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުން ވީއްލި، ހިންދު ކަނޑުގެ ޖަޒީރާތަކުގައި ފައިބީއްސައިލުމުން ލިބިދޭ ހަމަޖެހުމާއި އަމާންކަން ކަމުގައި ސިފަކުރައްވާފައެވެ. 

"މީގެ 47 އަހަރު ކުރިން ދިވެހި ފަތުރުވެރިކަން އުފަންވީ އެންމެ 60 އެނދާ އެކުގައެވެ. ރާއްޖޭގެ ހިތްވަރުގަދަ ދެތިން ވިޔަފާރިވެރިން، މި ޞިނާޢަތް ފަށްޓަވައި ކޮޅަށް ޖައްސަވައިދެއްވީ، މިޖީލުގެ މީހުންނަށް ތަޞައްވުރުވެސް ނުކުރެވޭހާ ގިނަ ހުރަސްތައް ގިރާކުރައްވައިފައެވެ. މިއަދު ރާއްޖޭގައި ހިންގާ 567 ގެސްޓް ހައުސް، 154 ސަފާރީ، 149 ރިސޯރޓް އަދި 10 ޓޫރިސްޓް ހޮޓާ އެބަ ހުއްޓެވެ. މި ތަންތަނުގައި 47114 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު ހުރިއިރު، ރާއްޖޭގެ ފަތުރުވެރިކަމަކީ، ދުނިޔޭގެ ބާޒާރުގައި ނަން ހިނގާ، އެންމެ މަޤުބޫލު މަރުކާއެކެވެ." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

 

މިއަދު އޮންލައިން