"ދީނަށް ފުރައްސާރަ ކުރަން ހަދާފައި ހުންނަ ޕޭޖުތައް ބްލޮކު ކުރުމާއި، އެ ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ ޕްރެޝަރަށް ނުވަތަ ޝަކުވާއަށް ކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ ސަރުކާރުގެ އެންމެ އިސް ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ވާޖިބެކެވެ." ޝައިޚް ޝަފީޢު ޢަބްދުﷲ
ޝައިޚް ޝަފީޢު ޢަބްދުﷲ މިމޭރުމުން ވިދާޅުވެފައިވާއިރު ދައުލަތުގެ ބައެއް ވެރިން ވިދާޅުވެފައިވަނީ ޕޭޖްތައް ބްލޮކް ކުރުމާ ހިންގާ މީހުން ހޯދުމަކީ ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
މިމޭރުމުން އެބޭފުޅުން ވިދާޅުވި ނަމަވެސް ރާއްޖޭގައި ޓެކްނިކަލް ޤާބިލުކަން ނެތް އިރު ބޭރުން ތަޖުރިބާކާރުން ގެނެސްގެންވެސް "ސަންދާން" ފަދަ ސަރުކާރުން އެއިރު ހުއްޓުވަން ބޭނުންވި ވެބްސައިޓްތައް ވަނީ ހުއްޓުވައިފައެވެ. އެކަން ކުރި މީހުން ހޯދައި ހައްޔަރުކޮށް އަދަބުވެސް ދީފައެވެ. އެކަންކަން ކުރަން ބޭނުންކުރި ތަކެތިވެސް ވަނީ ކޮންފިސްކޭތްކޮށްފައެވެ. މީގެ އިތުރުން ދިވެހި ފުލުހުންވެސް ވަނީ "ޓްރޫ މޯލްޑިވްސް" ފަދަ ވެބްސައިޓްތައް ހިންގާ ފަރާތް ހޯދައި ފިޔަވަޅު އަޅައިފައެވެ.
އެހެންކަމުން ޒަމާނީ ޓެކްނޮލޮޖީގެ ގޮތުން ރާއްޖެވެސް ކުރިއަރައި އެތައް ބައިވަރު ސައިންސްވެރިންނާއި ޓެކްނިޝިއަނުން ރާއްޖޭގައި ހަރަކާތްތެރިވަމުން މިއަދު ދާއިރު މި ދެކެވޭ ވާހަކަތަކަކީ އެކަންކަންކޮށް ފިޔަވަޅު ނުއަޅަން ދައްކާ ބަހަނާތަކެއް ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
ރާއްޖޭގައި އަމަލުކުރަން ފާސްކޮށްފައި އޮތް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުން އެކަންކަން ކޮށް ފިޔަވަޅު އަޅަން ސަރުކާރަށް ލާޒިމުކުރާކަންވެސް ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.