ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތުން މީސްތަކުންގެ ވިސްނުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެއް ބައަކު އެއްވެސް ބިރެއްނެތި އެދަނީ ޝަރީކު ކުރަމުންނެވެ. އެމީހާ ހެއްދެވި ފަރާތެއްވާކަމަށްވެސް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް އެމީހުންނަށް ކުރެވޭ ހަމައެކަނި ކަމަކީ އެމީހުން އުފެއްދެވީ ﷲ ތަޢާލާކަން ޤަބޫލު ނުކުރާ ކަމަށް ބުނުމެވެ. އެކަމުގެ އެއްވެސް ހެއްކެއް ނުދެއްކެއެވެ.
ވަރަށް ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ! އެމީހާ ދުނިޔެއަށް އުފަން ކުރެއްވެވީ ﷲ ތަޢާލާ ނޫން ކަމަށް ބުނާ މީހުންނަށް ދަރިން ނުލިބިގެން އެބަ ބޭސްކުރެއެވެ. އެކަމަށް އެތައް ބައިވަރު ފައިސާއެއް އެބަ ހޭދަކުރެއެވެ. އެފަދަ މީހުން ނިކަން ބުނެބަލާށެވެ! "އިންސާނާ އުފެއްދެވީ ﷲ ތަޢާލާ ނޫން ނަމަ، އެއީ އެއްވެސް ދެވަނަ ފަރާތަކުން ކުރާ ކަމެއް ނަމަ އެފަރާތަކާއި ބައްދަލުކޮށް އެފަރާތުގައި އެދިގެން ދަރިއަކު ނުހޯދައި ތިއަ ހުންނަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ބޭނުން ވަރަކަށް ހޯދަންވީ ނޫން ހެއްޔެވެ؟ އެހައި ފަސޭހައިން ވާން އޮތް ކަމެއް ނުކުރެވިގެން މާޔޫސްވެ ކޮޅުކޮޅަށް ތިއަ ދުވަނީ ކީއްވެގެން ހެއްޔެވެ؟"
ހަމަ އެއާއިއެކު ނިކަން ބުނެބަލާށެވެ! "ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ތިމަން ﷲ ދުނިޔެއަށް އިންސާނުން ފޮނުއްވަވަނީ ނޭވާގެ އަދަދު ކަނޑައަޅުއްވަވާފައި ކަމަށެވެ. އަދި އެއްވެސް މީހަކު މަރުވާނެ ވަގުތު އެއްވެސް މީހަކަށް ނުއެނގޭނެ ކަމަށެވެ. އެންމެ ކުޑަމިނުން މަރުވާނީ ކޮން ތަނެއްގައި ހުއްޓައިކަންވެސް ނުއެނގޭނެ ކަމަށެވެ. ﷲ ތާޢާލާގެ މި އެންގެވުންތައް ޤަބޫލުނުކުރާނަމަ ތިމާއަށް ދުނިޔެއަށް އާދެވިފައި މިވަނީ އެހެން ފަރާތެއްގެ ސަބަބުންކަން ށާބިތުކޮށްދޭން މިކަންކަން ދޮގުކޮށް ނިކަން ސާބިތުކޮށްދީބަލާށެވެ! އެފަރާތެއްގައި އަހާލައިގެން މަރުވާނެ ވަގުތާއި ތަން އޮޅުން ފިލުވައި ނިކަން ހާމަކޮށް ބަލާށެވެ!"
"އަޅުގެ ވެރި ރަސްކަލާކޮ! މިއަޅާ އާއި، މިއަޅާގެ މައިންބަފައިންނާއި، އީމާން ވެގެންހުރެ މިއަޅާގެ ގެއަށް ވަދެއްޖެ މީހަކާއި، މުއްމިން ފިރިހެނުންނާއި، މުއްމިން އަންހެނުންނަށް ފާފަފުއްސަވާނދޭވެ! އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ!” . (ނޫހް: 28)
ނޫޙްގެފާނު ކުރެއްވެވި މި ދުޢާ ﷲ ތައާލާ އިޖާބަ ކުރެއްވެވިއެވެ. ﷲ ތަޢާލާގެ އެންގެވުންތައް ބަލައި ނުގަނެ ކާފިރުވީ އެންމެން ޣަރަޤް ކުރެއްވެވިއެވެ. ދެން ނިކަން ބުނެބަލާށެވެ! ކަލޭމެން ދުނިޔެއަށް ފޮނުވި ކަމަށް ކަލޭމެން ތިއަ ޤަބޫލުކުރާ ފަރާތަށް ކުރެވިފައި އޮތް މިފަދަ އެއްވެސް ކަމެއް ނިކަން ދައްކައިބަލާށެވެ! އަދި މިއަށްވުރެ ކުޑަ ކަމެއްވެސް ނިކަން ދައްކައިބަލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން