މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ އާއި ގެދޮރު ގެއްލި، ފުރާނަ ގެއްލުމުގެ ބިރު އެބައޮތް!: ޝާހިދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 14ސ
މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ އާއި ގެދޮރު ގެއްލި، ފުރާނަ ގެއްލުމުގެ ބިރު އެބައޮތް!: ޝާހިދު

މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ އާއި ގެދޮރު ގެއްލި، ފުރާނަ ގެއްލުމުގެ ބިރު އެބައޮތް ކަމަށް  ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެންވިދާޅުވީ ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީއިން އިންތިޒާމްކޮށްގެން އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި މޫސުމާއި ސަލާމަތާއި ބެހޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މޫސުމާއި ސަލާމަތީ ކަންކަމާއި އޮތް ގުޅުން ބަޔާންކޮށް މިނިސްޓަރ ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ޤައުމުކަމަށް ވުމާއިއެކު، މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ އާއި ގެދޮރު ގެއްލި، ފުރާނަ ގެއްލުމުގެ ބިރުވެސް އެބައޮތްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލަމާތަށް އޮތް ނުރައްކާ ހާމަކޮށް، އެކަމަށް ހޭލުންތެރިކުރުމަށް ގްރޫޕް އޮފް ފްރެންޑްސްގެ ފަރާތުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު އެމަސައްކަތަށް ތައުރީފްކުރެއްވިއެވެ. ހަމައެއާއިއެކު، ޕެރިސް މުއާހަދާގެ ދަށުން ދިވެހިރާއްޖެއިން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާކަން ޔަޤީންކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ދިވެހިރާއްޖެއިން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ވީހާވެސް އަވަހަކަށް ހާސިލްކުރުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

އަދި 2023 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގައި އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އދގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިއުލާންކުރައްވާފައިވާތީ، އެކަމަށްވެސް މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކާއި ބެހޭ މައުލޫމާތާއި، އެނުރައްކާތަކުން އަރައިގަތުމަށް ކުރެވިދާނެކަންކަމުގެ ލަފާ މެމްބަރު ޤައުމުތަކާއި ހިއްސާކުރެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލްއަށް ގޮވާލާ ޖޮއިންޓް ޕޮޒިޝަންގައި ސޮއިކުރައްވާފައެވެ.

ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީ އުފެދުނީ 1 އޮގަސްޓް 2018 ގައެވެ. އެޖަމާޢަތުން މަސައްކަތް ކުރަމުން އަންނަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، ހޭލުންތެރިކަން އިތުރުކޮށް، އެދާއިރާއިން އދގެ ބައިވެރިވުން އިތުރުކުރުމަށެވެ. މި ގްރޫޕްގައި 27 މެމްބަރު ޤައުމު ހިމެނެއެވެ.

މިއަދު އޮންލައިން