ބަހްރައިންއާ އެކު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ރާއްޖެއިން ސޮއިކޮށްފިއެވެ.
މިއެއްބަސްވުމަކީ ރާއްޖެ އާއި ބަހްރެއިނާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމަށް މަގުފަހިކުރުމުގެ ގޮތުން 18 ޖެނުއަރީ 1995 ގައި ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން އެކުލާވާލައި އެއްބަސްވުމެކެވެ.
މިއެއްބަސް ވުމުގައި ސޮއިކުރުން އޮތީ ކެނެޑާގެ މޮންޓްރިއޯލްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ 40 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ބަހުރެއިންގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް އެންޑް ޓެލެކޮމިއުނިކޭޝަން މިނިސްޓަރު ކަމާލް ބިން އަހުމަދު މުހައްމަދެވެ.
މިއެއްބަސްވުމުގައި ސޮއިކުރި އިރު ބަހްރެއިންގެ ގައުމީ އެއާލައިންކަމަށްވާ ގަލްފް އެއާ އިން ބަހްރެއިނާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމުގެ ހުއްދައަށް ވަނީ އެދިފައެވެ.
ގަލްފް އެއާ މިއަންނަ އޮކްޓޯބަރު މަހުގެ 28 އިން ފެށިގެން ފަށާ ފްލައިޓްތައް އޮޕަރޭޓް ކުރާނީ ބަހްރެއިން އިން މާލެ އަދި ކޮލަމްބޯ މަގުން ހަފްތާއަކު ހަ ފްލައިޓެވެ.