ދިވެހި ކަނޑުތައް ޕްލާސްޓިކުން ސަލާމަތް ކުރުމަށް ޕާލޭއާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ނިންމަވައިފި

ކިޔުމަށް ހޭދަވާނީ 3މ 10ސ
ދިވެހި ކަނޑުތައް ޕްލާސްޓިކުން ސަލާމަތް ކުރުމަށް ޕާލޭއާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ނިންމަވައިފި

ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ސަލާމަތްކުރުމަށް ޕާލޭއާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މިގޮތަށް ނިންމެވިކަން އިއުލާނުކުރައްވާފައި ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޕާލޭ ފޮރ ދަ އޯޝަންސްއާއި ދިވެހިރާއްޖެއާއި ދެމެދު މިކަމާބެހޭ ޚާއްޞަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު ވަނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ހުއްޓާލާނެކަމަށް އެމަނިކުފާނު މިފަހަރުގެ އދ ގެ ޢާންމު މަޖިލީހުގައި ވިދާޅުވި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. މީގެ އެއްބޭނުމަކީ ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަށް ޙައްލެއް ހޯދަ ޕްލާސްޓިކް ނެތް ކަނޑުތަކެއް ޤާއިމް ކުރުން ކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކަނޑާއި ކަނޑުގެ ދިރުންތަކަކީ ދިވެހީންގެ ސަޤާފަތާއި، ޢާންމު ދިރިއުޅުމާއި، އަދި ދިވެހި ބަހާއިވެސް ގުޅި ލާމެހިފައިވާ އެއްޗެއްކަމުގައި ވިދާޅުވިއެވެ. އަދި، ކަނޑުތަކަށް އުކާލެވޭ ކުނީގެ ނުރައްކާތެރިކަން މި ހުރިހާ ކަމަކާގުޅިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކަނޑުތަކުގެ ރައްކާތެރިކަމަކީ، ރާއްޖޭގެ ދެމިއޮތުމާއި ގުޅިފައިވާކަމެއް ކަމަށެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމުގެ މައްޗަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މީގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމުގައެވެ. އަދި، 2023 ވަނަ އަހަރުގެ ކުރީން، "ސިންގަލް-ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ވެފައިވާ ވަޢުދު އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

މިއީ، ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ އަދި ވަކިން ޚާއްޞަކޮށް ވިޔަފާރިތަކުގެ އެހީތެރިކަން ބޭނުންވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ، ތަކެތި ބަންދުކުރުމަށް ޕްލާސްޓިކް ނޫން، ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއް ހޯދަން ވިޔަފާރިތަކަށް ގޮވާލައްވާފައެވެ. އަދި، ރައީސް ވަނީ ޕްލާސްޓިކް މަދު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، މިކަމުގައި ޒިންމާދާރު ދައުރެއް އަދާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށާއި ބޮޑެތި ވިޔަފާރި ކުންފުނިތަކަށް އިލްތިމާސް ކުރައްވާފައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް ޙައްލެއް ހޯދުމުގައި ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ފައިތިލަ ސާބިތު ކުރަމުންދާނެކަން ހާމަކުރައްވައި ރައީސް ވިދާޅުވީ، މި މަސައްކަތުގައި އެހެން ޤައުމުތަކަށް މިސާލު ދެއްކުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގަވެ. ނަމަވެސް، މިއީ ރާއްޖެއިން އެކަނި ކުރާ މަސައްކަތުން ޙައްލު ކުރެވޭ ވަރަށްވުރެ ބޮޑު މައްސަލައެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޚާއްސަކޮށް ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަކީ، ވަކި ޤައުމަކަށް ޚާއްޞަ މައްސަލައެއް ނޫންކަން ހަނދުމަފުޅުކޮށްދެއްވާ ރައީސް ވަނީ، މިކަމަށް ބޭނުންވަނީ ހުރިހާ ޤައުމުތަކަކުން ގުޅިގެން މަސައްކަތް ކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޕާލޭ ފޮރ ދަ އޯޝަންސްއާ ބެހޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ޖަމުޢިއްޔާއަކީ ކަނޑުތަކުގެ ދިރުމާއި އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމާ އޮތް ގުޅުން ދަންނަ، ކަނޑުތަކުގެ ދިރުންތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރާ މަދު ޖަމުޢިއްޔާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޖަމުޢިއްޔާއެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެ ޖަމުޢިއްޔާގެ ރާއްޖޭގައި ހިންގާ ގޮތްޕަކީވެސް ފާހަގަކޮށްލެވޭ، އަދި ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ކުރާ ގޮތްޕެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން